އެއްވެސް ޝަރުތަކާ ނުލާ، ރަޝިއާގެ އޮފިޝަލުންނާއެކު ސުލްހައިގެ މަޝްވަރާތައް ކުރިއަށް ގެންދިއުމަށްޓަކާ، ޔޫކްރައިންއާއި ބެލަރޫސް ހިއްސާ ކުރާ ބޯޑަރު ސަރަހައްދަށް ހާއްސަ ވަފުދެއް ފޮނުވުމަށް ޔޫކްރައިންގެ ސަރުކާރުން އެއްބަސްވުމަކަށް އައިސްފައި ވާ ކަމަށް، ޔޫކްރައިންގެ ރައީސް ވްލޮޑޮމީރް ޒެލެންސްކީ ވިދާޅުވެއްޖެއެވެ.

ބެލަރޫސްގެ ރައީސް އެލެކްޒޭންޑާ ލުކަޝެންކޯއާ ފޯނުން ގުޅުއްވާ ކުރެއްވި މަޝްވަރާތަކަކަށް ފަހު އާންމު ކުރެއްވި ބަޔާނެއްގައި ޒެލެންސްކީ ވިދާޅުވީ، ޔޫކްރައިނުން އެއްބަސްވީ ޔޫކްރައިންއާއި ބެލަރޫސް ހިއްސާ ކުރާ ބޯޑަރު ސަރަހައްދުގައި އޮންނަ ޕްރިޕިޔާތު ކޯރު ކައިރީގައި ރަޝިއާގެ ވަފުދާ މަޝްވަރާ ކުރުމަށް ކަމަށެވެ.

ބައްދަލުވުމާ ބެހޭ މާ ބޮޑު ތަފްސީލުތަކެއް އަދި ނުލިބެއެވެ. ނަމަވެސް މަޝްވަރާގެ ވަގުތުގެ އިތުރުން ޔޫކްރައިންގެ ވަފުދުން ދަތުރުކުރާ ވަގުތުތަކުގައި، ބެލަރޫސް ސަރަހައްދުގައި ވައިގެ މަގުން ހަމަލާ ދެވެން ހުރި ހުރިހާ އާލާތެއް ގްރައުންޑް ކުރާނެ ކަމުގެ ޔަގީންކަން، ރަޝިއާގެ ރައީސް ވްލޭޑްމިއާ ޕޫޓިންގެ އަރިސް ބޭފުޅަކު ކަށަވަރު ކޮށްދެއްވާފައި ވާ ކަމަށް މައުލޫމާތު ލިބެއެވެ.

ކަން މިހެން އޮތް އިރު ރަޝިއާގެ ކޮޅުން ބުނަމުން ދަނީ ސުލްހައިގެ މަޝްވަރާތައް އޮތީ ބެލަރޫސްގައި ކަމަށެވެ. އެހެންކަމުން، މަޝްވަރާތަކުގެ ހަގީގީ މާލަން އަދި މުޅިން ކަށަވަރު ކުރެވިފައެއް ނުވެއެވެ.

ރަޝިއާއިން ޔޫކްރޭނައަށް އެރުމާ އެކުގައިވެސް ޔޫކްރައިނުން ވަނީ ސުލްހައިގެ މަޝްވަރާތަކަށް ގޮވާލާފައެވެ. އޭގެ ފަހުން މިއަދު، ރަޝިއާއިން ސުލްހައިގެ މަޝްވަރާތަކަށް ތައްޔާރުކަން ހާމަ ކުރީ މެންދުރުގެ ވަގުތެއްގައެވެ.