އަންދާޒާކޮށްލެވޭ ގޮތުގައި ރާއްޖޭގައި ރަޝިއާގެ 8،000 ފަތުރުވެރިންނާއި، 750 ޔޫކްރައިން ފަތުރުވެރިން އެބަ ތިބި ކަމަށް ޓޫރިޒަމް މިނިސްޓްރީއިން ބުނެފިއެވެ.

ޓޫރިޒަމް މިނިސްޓްރީން ބުނީ ޔޫކްރައިނުން ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު ވަރަށް ބޮޑަށް ދަށްވެފައިވާ ކަމަށާއި ރަޝިއާއިން ރާއްޖެ އަންނަ ފަަތުރުވެރިންގެ އަދަދުތައް އަދި ދަށަށް ނުދިޔަ ނަމަވެސް، ކުރިއަށް އޮތް ތަނުގައި އެ އަދަދުވެސް ދަށަށް ގޮސްދާނެ ކަމަށް ބެލެވޭ ކަމަށެވެ.

ރަޝިއާ އިން ޔޫކްރައިންނަށް އަރައި ހަނގުރާމަ ފެށިއިރު، ރަޝިއާ އަކީ ރާއްޖެ އަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ ދެވަނަ ގައުމެވެ. އެގޮތުން ރަޝިއާއިން އަހަރެއްގެ މައްޗަށް ދެ ލައްކައެއްހާ ފަތުރުވެރިން ރާއްޖެ އާދެއެވެ. މީގެއިތުރުން ގަދަ 10 ގައި ޔޫކުރެއިން ހިމެނޭއިރު ފަހަކަށް އައިސް އަހަރަކު 30،000 ފަތުރުވެރިން އެ ގައުމުން ރާއްޖެއާދެއެވެ.

ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދު ﷲ މައުސޫމް ވަނީ ތާށިވެފައި ތިބި ފަތުރުވެރިންނަށް ދެ ގޮތަކުން އެހީވާން ތައްޔާރުވަމުން އަންނަ ކަމަށާއި އޭގެތެރެއިން ކައިރި ގައުމަކަށް ދާން ބޭނުންވާ ފަތުރުވެރިންނަށް އެ ފުރުސަތު ފަހިކޮށްދިނުން ނުވަތަ ރާއްޖޭގައި އަގުހެޔޮކޮށް ތިބެވޭނެ އިންތިޒާމު ހަމަޖައްސައިދިނުން ކަމަށް ވިދާޅުވިއެވެ.

މީގެއިތުރުން ރާއްޖޭގައި މަޑުކުރަން ބޭނުންވާ ފަތުރުވެރިންނަށް ރާއްޖޭގައި ތިބެން ބޭނުންވާ ވިސާގެ ކަންކަން އިމިގްރޭޝަނުން މިހާރު ހަމަޖައްސައި ދީފައިވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.