ޔޫކްރައިންގެ މަންދޫބުންނާއެކު މަޝްވަރާތައް ކުރިއަށް ގެންދިއުމަށްޓަކާ، ރަޝިއާގެ ވަފުދެއް، ބެލަރޫސްއަށް ދަތުރު ކޮށްފައި ވާ ކަމަށް، ރަޝިއާ ސަރުކާރުގެ ތަރުޖަމާނު ޑިމިޓްރީ ޕެސްކޯފްއާ ހަވާލާދީ ބައިނަލްއަގުވާމީ މީޑިއާއިން ރިޕޯޓް ކޮށްފިއެވެ.

ސުލްހައިގެ މަޝްވަރާތަކަށް ބެލަރޫސްއަށް ދަތުރުކުރި ވަފުދުގައި ރަޝިއާގެ ފޮރިން މިނިސްޓްރީގެ އިތުރުން ދިފާއީ ވުޒާރާގެ މަންދޫބުންނާއި ރައީސް އޮފީހުގެ އޮފިޝަލުންވެސް ހިމެނިވަޑައިގަންނަވާ ކަމަށް ހަބަރު ލިބެއެވެ.

ޕެސްކޯފްއާ ހަވާލާދީ ބައިނަލްއަގުވާމީ މީޑިއާއިން ރިޕޯޓް ކުރާ ގޮތުގައި، ބެލަރޫސްގެ ހޮމިއޭލްގައި މަޝްވަރާތައް ކުރިއަށް ގެންދިއުމަށް ރަޝިއާ އޮތީ ތައްޔާރަށެވެ.

މުޅި ދުނިޔެހެން ހިތްވަރުގަދަ ޝަހްސެއްގެ ގޮތުގައި ސިފަ ކުރަމުން އަންނަ ޔޫކްރައިންގެ ރައީސް ވްލޮޑިމީރް ޒެލެންސްކީއާއި ޔޫކްރައިންގެ އިތުރު އޮފިޝަލުންވެސް ވަނީ ރަޝިއާއާއެކު ސުލްހައިގެ މަޝްވަރާތައް ކުރިއަށް ގެންދިއުމުގެ ޝައުގުވެރިކަން ފާޅު ކުރައްވާފައެވެ.

ރަޝިއާގެ ރައީސް ވްލޭޑްމިއާ ޕޫޓިންގެ އަމުރުފުޅަކަށް، ފުރިހަމަ ބާރާއެކު ރަޝިއާގެ އަސްކަރިއްޔާއިން ޔޫކްރައިންއަށް އެރީ މިދިޔަ ބުރާސްފަތި ދުވަހުގެ ހެނދުނުގެ ވަގުތެއްގައެވެ. ހަމަލާ ބަދަލު ކުރުންތައް 4 ވަނަ ދުވަހަކަށް ދިގުލާ ގޮސްފައި ވާއިރު، ޔޫކްރައިންގެ ދެވަނަ އަށް އެންމެ ބޮޑު ސިޓީ ކަމަށް ހަރްކީވްގައި ކުރިމަތިލުންތައް ވަނީ ވަރުގަދަ ކޮށްފައެވެ.