ވިހެއުމާ ގުޅިގެން ޗުއްޓީ ލިބޭގޮތަށް، ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހު ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން ފާސްކޮށްފިއެވެ.

މި އިސްލާހު މަޖިލީހަށް ހުށަހަޅާފައިވަނީ ކަނޑިތީމު ދާއިރާގެ މެމްބަރު އަބްދުﷲ ޝަހީމް އަބްދުލްހަކީމެވެ.

މި އިސްލާހުގައި ބުނެފައިވަނީ، ވިހެއުމާ ގުޅިގެން ނުވަތަ ދަރިއަކު ލިބުމާ ގުޅިގެން ދޭ ޗުއްޓީ ލިބުމުގެ ހައްގު، ކޮންމެ ފަނޑިޔާރަކަށްވެސް ލިބިގެންވާ ކަމަށެވެެ. އަދި ވިހެއުމާ ގުޅިގެން އަންހެން ފަނޑިޔާރުންނަށް 6 މަސްދުވަހުގެ ޗުއްޓީއެއް އަދި ދަރިއަކު ލިބުމާގުޅިގެން ފިރިހެން ފަނޑިޔާރަކަށް އެއް މަސްދުވަހުގެ ޗުއްޓީއެއް ލިބޭނެ ކަމަށެވެ.

މި އިސްލާހު ކޮމިޓީން ފާސްކުރުމުން، ކޮމިޓީގެ ރިޕޯޓް ދެން ހުށަހަޅާނީ މަޖިލީހުގެ ތަޅުމަށެވެ. އަދި ކޮމިޓީ ރިޕޯޓަށް މަޖިލީހުގެ ތަޅުމުގައި ބަހުސް ކުރުމަށްފަހު ފާސްކުރުމާމެދު މަޖިލީހުގައި ވޯޓަށް އަހާނެއެވެ.

ވިހެއުމުން އަންހެނުންނަށް ހަ މަސް ދުވަހުގެ ޗުއްޓީ އަދި ފިރިހެނުންނަށް އެއް މަސް ދުވަހުގެ ޗުއްޓީއެއް ދިނުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދެކެވެ.

މިގޮތުން ސަރުކާރުގެ ގިނަ މުއައްސަސާތަކާއި ކުންފުނިތައަދި އަމިއްލަ ބައެއް ފަރާތްތަކުން ވެސް ވަނީ އެ އުސޫލަށް އަމަލުކުރަން ފަށާފައެވެ.