ދުނިޔޭގެ އެންމެ ނުފޫޒުގަދަ ގައުމުތަކުގެ ތެރޭގައި ގުނާލެވޭ ރަޝިއާއިން ޔޫކްރައިންއަށް އަރާ، އަސްކަރީ ގަދަބަދަވިކަން ދައްކަމުން އަންނަތާ މިއަދަށް މިއީ 4 ވަނަ ދުވަހެވެ. ރަޝިއާގެ އަސްކަރީ ބާރުވެރިކަމަށަށް ފަސްޖެހުމެއް ނެތި ޔޫކްރައިނުންވެސް ދަނީ ހަމަލާތައް ދީ، ރަޝިއާއާ ކުރިމަތިލަމުންނެވެ. ކަން މިހެން އޮތް އިރު، 2 ގައުމުގެ އަސްކަރީ ބާރުވެރިކަމަށް ބަލާލުން މުހިންމެވެ.

ދިފާއީ ބަޖެޓްގެ ހަރަދުތަކަށް ބަލާއިރު 2021 ވަނަ އަހަރު ޔޫކްރައިންގެ ދިފާއީ ހަރަދުތައް އުޅެނީ 4.7 ބިލިއަން ޑޮލަރުގައެވެ. އެއީ ނިއުކްލިއާ ހަތިޔާރުގެ ބާރުވެރިކަން ލިބިފައިވާ ރަޝިއާގެ ދިފާއީ ހަރަދުތަކުގެ ގާތްގަނޑަކަށް 10 ބައިކުޅަ 1 ބަޔަށް ވުރެ ކުޑަ ތަންކޮޅެއް އިތުރު އަދަދެކެވެ. ރަޝިއާގެ ދިފާއީ ހަރަދަށް 2021 ވަނަ އަހަރު، 45.8 ބިލިއަން ޑޮލަރު ހޭދަ ކުރި ކަމަށް، އިންޓަނޭޝަނަލް އިންސްޓިޓިއުޓް ފޮ ސްޓްރެޓީޖިކް ސްޓަޑިޒްގެ "ދަ މިލިޓްރީ ބެލަންސް" ގައި ފާހަގަ ކޮށްފައިވެއެވެ.

ރަޝިއާއިން ޔޫކްރައިން އަށް ހަމަލާ ދީފައި / ފޮޓޯ: ދަ އެޓްލާންޓިކް

އަސްކަރިއްޔާގެ ހިދުމަތްތެރިންނަށް ބަލާއިރު ރަޝިއާގެ އަސްކަރިއްޔާގައި އެކްޓިވް މެންބަރުންގެ ގޮތުގައި 9 ލައްކަ ސިފައިން އެބަތިއްބެވެ. ރިޒާވްގައި 2 މިލިއަން ސިފައިން އެބަތިއްބެވެ. ޔޫކްރައިން އަސްކަރިއްޔާގެ އެކްޓިވް ސިފައިންގެ ގޮތުގައި 196000 މެންބަރުން ހަރަކާތްތެރިވާއިރު ރިޒާވް ފޯސްގެ މެންބަރުންގެ އަދަދަކީ 9 ލައްކައެވެ.

ރަޝިއާ އާއި ޔޫކްރައިންގެ އަސްކަރީ އަޅާކިޔުން

ޔޫކްރައިންގެ ފަސްގަނޑުގައި ހިންގަމުންދާ ކުރިމަތިލުންތަކުގައި ރަޝިއާގެ އަސްކަރިއްޔާއިން 280000 ސިފައިން ހަނގުރާމަ ކުރަމުން ދާއިރު، ގައުމުގެ ދިފާއުގައި ޔޫކްރައިނުން ރުކުރުވާލާފައި ވަނީ 125600 ސިފައިންގެ ފައުޖެކެވެ. ވައިގެ އަސްކަރީ ބާރުވެރިކަމަށް ބަލާއިރު ރަޝިއާގެ ވައިގެ އަސްކަރީ ގާބިލިއްޔަތުކަން 5 ގުނަ އިތުރެވެ. ރަޝިއާ ވައިގެ އަސްކަރިއްޔާގެ 165000 ސިފައިން ހަރަކާތްތެރިވާއިރު، ޔޫކްރައިނުން ހަރަކާތްތެރިވަނީ 35000 ސިފައިންނެވެ. ޔޫކްރައިންއާއި ޔޫކްރައިން ވަށައިގެންވާ ސަރަހައްދުތަކުގައި އެކަނިވެސް ރަޝިއާގެ 2 ލައްކައެއްހާ މެންބަރުން ހަރަކާތްތެރިވެއެވެ.

ރަޝިއާއިން ބޭނުން ކުރާ ޓީއޯސް-2 ހަތިޔާރު - ޔޫކްރައިން އާ ދެކޮޅަށް ބޭނުން ކުރާނެ ކަމަށް ބެލެވޭ

އަސްކަރީ ހަތިޔާރާއި އުޅަނދު ފަހަރަށް ބަލާއިރު، އަސްކަރީ ހަތިޔާރާއެކު ހަރަކާތްތެރިވާ ރަޝިއާގެ އުޅަނދު ފަހަރުގެ އަދަދު 15857 އަށް ވުރެ މައްޗަށް އަރާއިރު، ޔޫކްރައިންގެ އަދަދަކީ 3309 އެވެ. އަސްކަރީ މަތިންދާބޯޓަށް ބަލާއިރު ރަޝިއާގެ 1391 ބޯޓެއް އޮތް އިރު، ޔޫކްރައިންގައި އޮތީ 128 ބޯޓެވެ. ރަޝިއާގެ 821 ހެލިކޮޕްޓަރެއް ހަރަކާތްތެރިވާއިރު ޔޫކްރޭނުން ހަރަކާތްތެރިވަނީ 55 ހެލިކޮޕްޓަރެވެ. އެއީ ކަނޑުގެ އަސްކަރިއްޔާއަށް ހާއްސަ ވައިގެ އުޅަނދުތައްވެސް ހިމަނައިގެންނެވެ. ރަޝިއާގައި 49 ސަބްމެރީންއެއް އޮތް އިރު، އިންޓަނޭޝަނަލް އިންސްޓިޓިއުޓް ފޮ ސްޓްރެޓީޖިކް ސްޓަޑިޒްއިން ބުނާ ގޮތުގައި ޔޫކްރައިންގައި އެންމެ ސަބްމެރީންއެއްވެސް ނެތެވެ.

އަދަދުތަކުން ބަލާއިރު އަސްކަރީ ގޮތުން ނިކަމެތިވީ ކަމުގައި ވީ ނަމަވެސް، ޔޫކްރައިންގެ އަޒުމަކަށް ބަދަލެއް ނާދެއެވެ. ގައުމުގެ މިނިވަންކަމާއި އިސްތިގުލާލު ދެމެހެއްޓުމަށް ކޮންމެ މީހަކުމެހެން ހުރީ، އައްޑަނައަކަށް މޭ ދިއްކޮށްގެންނެވެ. އެންމެ އާދައިގެ ފަރުދާ ހިސާބުން ފެށިގެން އެންމެ އިސް މަގާމުތަކާ ހިސާބަށް ބެލި ކަމުގައި ވީ ނަމަވެސް، އެކަން އޮތީ އެހެންނެވެ.