5ޖީ ވަޔާލަސް އޮޕަރޭޝަންތަކުގެ ސަބަބުން، ބޮއިންގް 737 މަރުކާގެ ބޯޓުތަކުގެ ރޭޑީއޯ އޯލިޓިމީޓަރުތަކަށް އަސަރު ކުރާ ކަމުގެ އިންޒާރު، ވައިގެ އުދުހުންތަކާ ބެހޭ އެމެރިކާގެ އިދާރާ (އެފްއޭއޭ) އިން ދީފިއެވެ.

އެފްއޭއޭގެ އޮފިޝަލުން ވަނީ، 5ޖީ ވަޔާލަސް އޮޕަރޭޝަންތަކުގެ ސަބަބުން، ރައްކާތެރި ކަމާއެކު ބޯޓު އުދުއްސަން ނުވަތަ ބިމަށް ތިރި ކުރުމަށް ކުރޫއަށް ލިބިފައިވާ ފުރުސަތަށް ހިސާބަކަށް އަސަރު ކުރާ ކަމަށެވެ. ނަމަވެސް އެއާލައިންތަކުން މިކަމަށް ކުރާނީ އަމަލީ ގޮތުން ކުޑަ އަސަރެއް ކަންވެސް އެފްއޭއޭއިން ވަނީ ފާހަގަ ކޮށްފައެވެ.

5ޖީ ވަޔާލަސް އޮޕަރޭޝަންތަކުގެ ސަބަބުން ރައްކާތެރި އުދުހުންތަކަށް އޮތް ފުރުސަތަށް އަސަރު ފޯރާ ކަން ބަޔާންކޮށް އެފްއޭއޭއިން އިރުޝާދު އާންމު ކޮށްފައި ވާއިރު، 5ޖީ ބޭނުން ކުރާ ތަންތަނުގެ ތެރެއިން ވައިގެ އުދުހުންތަކަށް ރައްކާތެރި ކުރެވިފައިވާ ސަރަހައްދުތަކަށް މި އިރުޝާދު ތަންފީޒު ނުވާނެ ކަމަށްވެސް ބުނެފައި ވެއެވެ. އެ ފަދަ ސަރަހައްދުތަކުގެ ތެރޭގައި ހުރިހާ އެއާޕޯޓެއްހެން ހިމެނޭ ކަމަށް މައުލޫމާތު ލިބެއެވެ.

ކޮމާޝަލް ފެންވަރުގައި އޮޕަރޭޓް ކުރާ ގިނަ އެއާޕޯޓްތަކަކީ 5ޖީ ޓެކްނޮލޮޖީއަށް ހުރަސްތަކެއް ކުރިމަތިކޮށްފައި ވާ، ނުވަތަ އެ ހިދުމަތްތައް މުޅިން ހުއްޓުވާފައިވާ ސަރަހައްދުތަކެކެވެ. އެހެން ކަމުން ޖައްސަން އަންނަ ފްލައިޓްގެ ރޭޑިއޯ ސިސްޓަމަށް އިތުރު ފަރާތެއްގެ އުނދަގޫ ކުރިމަތިވުމުން ހިމާޔަތް ކުރެވިފައި ވާ ކަން އެފްއޭއޭއިން ފާހަގަ ކުރެއެވެ.

ކަން މިހެން އޮތް ނަމަވެސް، 5ޖީ ސީ-ބޭންޑްގެ ސަބަބުން، އެންމެ ފުރިހަމަ ގޮތުގައި މަތިންދާބޯޓުގެ ބައެއް ފަންގްޝަންތައް މަސައްކަތް ނުކޮށްފާނެކަމުގެ އިންޒާރު އެފްއޭއޭއިން ދީފައި ވާ ކަން ފާހަގަ ކުރަން ޖެހެއެވެ. މިއާއެކު ފްލައިޓް ކުރޫއިން ކުރަން ޖެހޭ މަސައްކަތް ބުރަވެގެން ދާނެ ކަމުގައި ބެލެވެއެވެ.

5ޖީ ވަޔާލަސް އޮޕަރޭޝަންތަކުގެ ސަބަބުން ވައިގެ އުދުހުންތަކުގެ ހައްސާސީ ޑިވައިސްތަކަށް އަސަރު ކުރުން އެކަށީގެން ވާ ކަމަށް ބުނެ، އެފްއޭއޭއިން މީގެ ކުރިންވެސް އިންޒާރު ދީފައިވެއެވެ. ނަމަވެސް މުއާސަލާތީ ހިދުމަތުގެ ދާއިރާގައި ހަރަކާތްތެރިވާ ކުންފުނިތަކުން ދަނީ 5ޖީ ނެޓްވޯކް ފުޅާ ކުރުމުގެ މަސައްކަތް ކުރިއަށް ގެންދަމުންނެވެ.