ޑޮކްޓަރީ އިމްތިހާން (އެމްބީބީއެސް)ގެ އެންމެ ފަހު އިމްތިހާނުގައި އޮޅުވާލައިގެން ޖަވާބުތައް ހޯދުމުގެ މަގުސަދުގައި އިންޑިއާގައި ދަރިވަރަކު އާދަޔާ ހިލާފު ސާޖަރީއެއް ހަދައިފިއެވެ.

އިންޑިއާގެ މަހާތަމާ ގާންދީ މެމޯރިއަލް (އެމްޖީއެމް) މެމޯރިއަލް ކޮލެޖުގައި ޑޮކްޓަރުކަން ކިޔަވަމުން ދިޔަ ދަރިވަރު ވަނީ، އާންމުކޮށް ބޭނުން ކުރާ ބްލޫޓޫތު ޑިވައިސްތަކެއް، ސާޖަރީ މެދުވެރިކޮށް އޭނާގެ ކަންފަތު ތެރޭގައި ހަރުކޮށްފައެވެ.

މިކަން ހިނގާފައި ވަނީ މި މަހުގެ 21 ވަނަ ދުވަހުއެވެ. މިކަން ކޮށްފައި ވަނީ ސިލްސިލާ ގޮތެއްގައި އިމްތިހާންތަކުން ފެއިލް ވަމުން ދިޔަ ދަރިވަރެއް ކަމަށް މައުލޫމާތު ލިބެއެވެ.

އިންޑިއާ މީޑިއާއިން ރިޕޯޓް ކޮށްފައި ވާ ގޮތުގައި އެ ދަރިވަރަކީ މީގެ 11 އަހަރު ކުރިން ކޮލެޖަށް ވަތް ދަރިވަރެކެވެ. އަދި އެންމެ ފަހުން އޮތް އިމްތިހާނަކީ އެ ދަރިވަރަށް ލިބުނު އެންމެ ފަހު ފުރުސަތު ކަމުގައިވެސް މައުލޫމާތު ލިބެއެވެ.

ސާޖަރީ ހަދައިގެން ބްލޫޓޫތު ޑިވައިސްތައް ކަންފަތަށް ލެއްވި ދަރިވަރާއެކު 78 ދަރިވަރަކު އިމްތިހާން ހެދިއެވެ.

ދަރިވަރު މަކަރު ހަދާކަން ފާހަގަވީ، އިމްތިހާންގެ މާލަން ވިލަރެސް ކުރަމުން ދިޔަ ޓީމުގެ މެންބަރަކަށެވެ. އެކަން ފާހަގަ ވީ، އެ ދަރިވަރުގެ ޖީބުގައި ސެލްފޯނެއް އޮތްކަން އެނގުނު ހިސާބުންނެވެ. ފޯނު އޮތީ އޮން ކޮށް، ބްލޫޓޫތު ޑިވައިސްއަކާ ގުޅާފައި ކަމަށް މައުލޫމާތު ލިބެއެވެ.

އެ ވަގުތުން ފެށިގެން ދަރިވަރު އެކަހެރިކޮށް، ތަހުގީގު ހިންގިއެވެ.

މައްސަލަ ބެލި ބެލުމުން، އެ ދަރިވަރު ވަނީ ހަމާ އެއްކުލައިގެ ކުޑަ، ބްލޫޓޫތު ޑިވައިސްއެއް ކަންފަތަށް ލައްވާފައިކަމަށް އިއުތިރާފުވިއެވެ. އަދި އެކަން ކޮށްފައިވަނީ ކަރުންމަތީގެ ހާއްސަ ޑޮކްޓަރެއް ކަމަށްވެސް ދަރިވަރު ވަނީ އިއުތިރާފުވެފައެވެ.