އިންޑިއާ ސިފައިންގެ ބަޔަކު އެމްއެންޑީއެފްގެ އުޅަނދަކަށް އަރުވާފައިވަނީ ކޯސްޓްގާޑުގެ ޝިޕެއް މަރާމާތު ކުރުމަށް ގެނައި ސާމާނު ކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.

އެމްއެންޑީއެފުން މިހެން ބުނެފައިވަނީ ދިވެހި ސިފައިންގެ އުޅަނދަކަށް ފޮށިތަކެއް އަރުވަނިކޮށް ސޯޝަލް މީޑިއާގައި އާންމުވެގެން އުޅޭ ފޮޓޯތަކަށް ގިނަ ބައެއްގެ ފާޑި ކިޔުން އަމާޒުވެފައިވާ ދަނޑިވަޅެއްގައެވެ.

އެމްއެންޑީއެފުން ބުނީ އެއީ މިއަހަރުގެ ފެބްރުއަރީ މަހުގެ 14 ވަނަ ދުވަހު ކޯސްޓްގާޑް ފްލީޓްގައި ހިމެނޭ "ޝިޕް ކާމިޔާބު" މަރާމާތު ކުރުމަށް އިންޑިއާގެ ނޭވީޑޮކްޔާޑުން ފޮނުވި 2 ސިވިލް ޓެކްނީޝަނުން ކަމަށެވެ.

މިމީހުން ފުރާފައިވަނީ މިމަހުގެ 19 ގައި ކަމަށް ވެސް އެމްއެންޑީއެފުން ބުނެއެވެ. މިގޮތަށް އަންނަ ޓީމުތައް އަބަދުވެސް މަސައްކަތްކުރަމުން ދަނީ ދިވެހި ސިފައިންގެ ބެލުމުގެ ދަށުން ގުޅިގެން ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.

އެމްއެންޑީއެފުން އިތުރަށް ބުނީ އެމްއެންޑީއެފް ގެ އޮޕަރޭޝަނަލް ކެޕޭސިޓީ އިތުރުކުރުމަށް އެހީވެދިނުމަށްޓަކައި އެކުވެރި ދައުލަތްތަކުން ވަރަށް ބޮޑެތި އެހީތައް ފޯރުކޮށްދެމުން ގެންދާ ކަމަށެވެ.

މިގޮތުން ކޯސްޓްގާޑްގެ ހިދުމަތުގައި ބޭނުންކުރެވެމުންދާ އުޅަނދުފަހަރު ތަކުގެ ތެރެއިން ބައެއް އުޅަނދުތައް ލިބިފައިވަނީ އިންޑިއާ ސަރުކާރުގެ ދީލަތި އެހީގެ ދަށުންކަން އެމްއެންޑީއެފުން ވަނީ ފާހަގަކޮށްފައެވެ.ފާހަގަކުރަމެވެ.

އެމްއެންޑީއެފުން ބުނީ މިއިން އުޅަނދެއް މަރާމާތު ކުރުމަށް ބޭނުންވެއްޖެ ހިނދެއްގައި އެކަން ފޯރުކޮށްދެމުން ދަނީ އެމްއެންޑީއެފް އިން ކަނޑައަޅާ ޕްލޭނެއްގެ ދަށުން އެގައުމަކުން ފޮނުވާ ޓެކްނީޝަނުންގެ ޓީމެއް ބޭނުންވާ ޓޫލްސް އާއިއެކު ދިވެހިރާއްޖެއަށް އައިސް ކަމަށެވެ. އަދި އެފަރާތްތައް ރާއްޖެއައުމުގެ ކުރިން އެކަމަށް އަންނަމީހުންގެ މައުލޫމާތާއި ގެނެވޭ ތަކެތީގެ މައުލޫމާތު މިނިސްޓްރީ އޮފް ޑިފެންސް އަށް ފޮނުވާ ހުއްދަލިބިގެން މެނުވީ ދަތުރު ކުރަމުން ނުދާނެ ކަމަށް ވެސް އެމްއެންޑީއެފުން ބުނެއެވެ.

މިގޮތުން 2021 ވަނަ އަހަރުގެ ފަހުކޮޅު "ޝިޕް ހުރަވީ" މަރާމާތުކުރުމަށް އިންޑިއާގެ ނޭވީޑޮކްޔާޑުން ސިވިލް 2 ޓެކްނީޝަނަކު ރާއްޖެ އައިސް އެކަން ފުރިހަމަކޮށް ފުރާފައިވާ ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.