ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުތައް ހިމާޔަތްކުރާ ކައުންސިލް އިންތިހާބުގެ، ދެ ދާއިރާއެއްގެ އިންތިހާބު ފަސްކޮށްފިއެވެ.

އިންތިހާބު ފަސްކުރި ދެ ދާއިރާއަކީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ތެރެއިން އެމީހުން އިންތިހާބުކުރާ މެންބަރަކު ހޮވުމަށް ބާއްވާ އިންތިހާބާއި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ބެލެނިވެރިން ނުވަތަ ބަލަދުވެރިންގެ ތެރެއިން އެމީހުން އިންތިހާބުކުރާ މެންބަރަކު ހޮވުމަށް ބާއްވާ އިންތިހާބެވެ.

މިނިސްޓްރީން ބުނީ މި ދެ އިންތިހާބަށް މެންބަރަކު ހޮވުމަށް ބާއްވާ އިންތިހާބު ފަސްކޮށްފައިވަނީ އިންތިހާބުގައި ވޯޓުލުމުގެ ހއްގުލިބިގެންވާ ފަރާތްތަކަށް އިންތިހާބުގެ އިންތިޒާމްތައް މިހާރު ހަމަޖެހިފައިވާގޮތުން ވޯޓުލުމުގައި އެންމެ ފުރިހަމައަށް ބައިވެރިވުގެ ފުރުސަތު ލިބިގެންނުދާކަމުގެ ޝަކުވާތައް ލިބެމުންދާތީ ކަމަށެވެ.

މިކަންކަމަށް ރިއާޔަތްކުރުމަށްފަހު ވޯޓުލުމުގެ ހައްގު ލިބިފައިވާ ފަރާތްތަކަށް ވޯޓުލުމުގެ ހައްގު ގެއްލިގެން ދާތީ، ވޯޓުލުމުގެ ހައްގު ލިބޭ ހުރިހާ ފަރާތްތަކަށް ފަސޭހަކަމާއިއެކު ވޯޓުލެވޭނެ އިންތިޒާމްތައް ހަމަޖެއްސުމުގެ މަސައްކަތް ކުރަމުންދާ ކަމަށް މިނިސްޓްރީން ބުނެއެވެ. އަދި އެ ދާއިރާތަކުގެ އިންތިހާބު އަލުން ބޭއްވުމަށް އަދި ވަކި ތާރީހެއް ކަނޑައަޅާފައި ނުވާ ކަމަށް ވެސް މިނިސްޓްރީން ބުނެއެވެ.

މިނިސްޓްރީން ބުނީ މިއިންތިހާބަކީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުތައް ރައްކާތެރިކުރުމާއި މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގާނޫނުގެ 4 ވަނަ މާއްދާގެ (ހ) ގެ ދަށުން އުފައްދަންޖެހޭ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުތައް ހިމާޔަތްކުރާ ކައުންސިލް ކަމަށެވެ.

މި ދެ އިންތިހާބު ފަސްކުރި ނަމަވެސް ޖެންޑާ މިނިސްޓްރީން ބުނީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުއް ކުރިއެރުވުމަށް މަސައްކަތްކުރާ ނުވަތަ އެފަދަ މީހުންނަށް ހިދުމަތްދޭ މަދަނީ ޖަމްއިއްޔާތަކުން އިންތިހާބުކުރާ މެންބަރަކު ހޮވުމަށް ބާއްވާ އިންތިހާބުގެ ވޯޓުލުން އަންނަ ހޮނިހިރު ދުވަހު 09.00 ފެށިގެން 11.00ގެ ނިޔަލަށް މިނިސްޓްރީގައި ކުރިއަށް ދާނެ ކަމަށެވެ.

މި ކައުންސިލަށް އިންތިހާބުކުރާ ނަފްސާނީ ބަލިތަކާއިބެހޭ ސިއްހީ ހިމަތްތެރިންގެ ތެރެއިން އެމީހުން އިންތިހާބުކުރާ މެންބަރު، އަދި ސިއްހީ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކުގެ ތެރެއިން އެމީހުން އިންތިހާބުކުރާ މެންބަރު އިންތިހާބު މިހާރު ކޮށްފައިވާ ކަމަށް މިނިސްޓްރީން ބުނެއެވެ. އަދި މިދާއިރާތަކަށް އިންތިހާބުވެފައިވާ ފަރާތްތައް ވަރަށް އަވަހަށް މިނިސްޓްރީން އިއުލާންކުރުމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.