ކަރެކްޝަންސްގެ ބެލުމުގެ ދަށުގައި ތިބި ގައިދީންނާއި ބަންދު މީހުންނަށް ސްޕެޝަލިސްޓުން މެދުވެރިކޮށް ޖަލުގައި ހުރެގެން ފަރުވާ ހޯދޭނެ އިންތިޒާމް ހަމަޖައްސައިފިއެވެ.

މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެކަމާ ގުޅޭ އެއްބަސްވުމުގައި މިއަދު ކަރެކްޝަންސް އާއި އައިޖީއެމްއެޗާ ދެމެދު ވަނީ ސޮއިކޮށްފައެވެ. އައިޖީއެމްއެޗްގެ ފަރާތުން އެ ހޮސްޕިޓަލްގެ ސީއޯއޯ އިބްރާހީމް ސަލީމް ސޮއިކުރެއްވި އިރު، ކަރެކްޝަންސްގެ ފަރާތުން ސޮއިކުރެއްވީ ކޮމިޝަނާ އޮފް ޕްރިޒަންސް އަހުމަދު މުހައްމަދެވެ.

މި އެއްބަސްވުމުގެ ދަށުން، ކަރެކްޝަންސްގެ ޖަލުތަކުގައި ބަންދުގައި ތިބި މީހުންނާއި ގައިދީންނަށް އެއް އަހަރު ދުވަހުގެ މުއްދަތަކަށް ސްޕެޝަލިސްޓުން މެދުވެރިކޮށް އެކި ބަލިތަކަށް ފަރުވާ ހޯދޭނެއެވެ.

ކަރެކްޝަންސް އިން ބުނީ، މި އެއްބަސްވުމުގެ ދަށުން، އާންމުނޫން ބަލިތަކަށް، ކަމާ ގުޅުންހުރި ސްޕެޝަލިސްޓުން މެދުވެރިކޮށް ޖަލުގައި ފަސޭހަކަމާއެކު ސިއްހީ ފަރުވާ ދެވޭނެ ކަމަށާއި، އެގޮތުން ފަހަރަކު 20 މީހުންނަށް ދުވާލަކު ހިދުމަތް ފޯރުކޮށްދެމުން ގެންދާނެ ކަމަށެވެ.

ޖަލުތަކުގައި ތިބި ބައެއް ގައިދީންނަކީ ސިއްހީ ގޮތުން ހާލު ދެރަ ބައެއް ކަމުގައިވާއިރު، އެ މީހުންނަށް އެދެވޭ ފަރުވާ ނުލިބޭ ކަމަށް ބުނެ، ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ.