ކުޑަކުދިންނަށް ކުރާ އަނިޔާގެ މައްސަލަތައް ބެލުމަށް އުފެއްދި ރިޔާސީ ކޮމިޝަންގެ މަސައްކަތްތައް ނިމުމުން، އެ ކޮމިޝަން އިއްޔެ އުވާލައިފިއެވެ.

ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކޮށް ކަށަވަރުކޮށްދިނުމުގެ ބޭނުމުގައި ކޮމިޝަން އުފެއްދީ ފެބްރުއަރީ 20، 2020 ގައެވެ.

ކުޑަކުދިންނަށް ކުރާ އަނިޔާގެ މައްސަލަތައް ބަލަން އުފެއްދި ކޮމިޝަންގެ މައިގަނޑު މަސްއޫލިއްޔަތަކީ ކުޑަކުދިންނަށް ކުރާ އަނިޔާތަކާ ގުޅޭ މައްސަލަތަކުގައި ދައުލަތުން މަތިކޮށްފައިވާ ޒިންމާތައް އަދާކޮށްފައިވާ ގޮތާއި މިހާރުގެ ހާލަތު ދެނެގަތުމެވެ. އޭގެ އިތުރުން ކުޑަކުދިންނަށް ދިމާވާ އަނިޔާގެ މައްސަލަތަކުގެ ބާވަތާއި އެކަންކަން ދިމާވި ތަނާއި ވަގުތާއި ހާލަތާއި އެކަމުގައި ޝާމިލްވާ މީހުންގެ އުމުރާއި އިގްތިސޯދީ އަދި އިޖުތިމާއީ ހާލަތާއި ކުށްކުރަން ނުވަތަ އަނިޔާ ލިބެން މެދުވެރިވާ ސަބަބުތައް ހޯދައި އަނިޔާ ލިބުނު ކުދިންގެ މިހާރު ހާލަތާ ބެހޭ މައުލޫމާތު އެއްކުރުމެވެ.

އަދި ދައުލަތުގެ އިދާރާތަކުން އެ ބާވަތުގެ މައްސަލަތަކުގައި ޒިންމާ އަދާކޮށްފައިވާ ގޮތާއި މިންވަރު ދެނެގަތުމަކީ ވެސް އެ ކޮމިޝަންގެ ޒިންމާއެކެވެ.

ކުޑަކުދިންނަށް ކުރާ އަނިޔާތަކުގެ މައްސަލަތައް، ފަސް މެންބަރުންގެ ކޮމިޓީން ދިރާސާކޮށް، ދިރާސާގެ ހޯދުންތަކުން ވަޒަންކުރެވޭ ކަންކަމާ މެދު، ކަމާ ގުޅޭ އިދާރާތަކުން އަޅަންޖެހޭ ފިޔަވަޅުތައް ބަޔާންކޮށް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ތަފްސީލީ ރިޕޯޓެއް ހުށަހަޅަން ވަނީ ނިންމާފައެވެ.

އެގޮތުން އެ ކޮމިޝަނަށް ހަވާލުކުރި މަސައްކަތްތައް ފުރިހަމަވެއްޖެ ކަމަށް ކަނޑައަޅައި ރައީސްގެ ގަރާރަކުން އެ ކޮމިޝަން މިއަދު ވަނީ އުވާލާފައެވެ.