ރޫޓު ފިހާރައިން ބޮޑުތަކުރުފާނު މަގުގައި ހުންނަ ބޭންކު އޮފް ސިލޯނަށް ޖަމާކުރުމަށްޓަކައި ގެންދިޔަ ހަތަރު މިލިއަނަށް ވުރެ ގިނަ ފައިސާ ސައިކަލެއްގައި ދިޔަ ބަޔަކު ފޭރެން އުޅުނު މައްސަލައިގައި ދައުވާކުރި 5 މީހުންގެ ތެރެއިން ހަތަރު މީހަކު 2 އަހަރަށް ޖަލަށް ލާން ހުކުމްކޮށްފިއެވެ.

ރޫޓު ފިހާރައިގެ ފައިސާ ފޭރުނު މައްސަލައިގައި ދައުލަތުން ވަނީ ފަސް މީހެއްގެ މައްޗަށް ފޭރުމުގެ ކުށުގެ ދައުވާ އުފުލާފައެވެ. އެ މައްސަލައިގައި ހައްޔަރުކުރި މީހުން؛

  • ލ. ގަން ތުނޑި، ކީމިޔާގެ އަބްދުﷲ ރާޝިދު،
  • ގއ. ވިލިގިނލި، ކާނިރުމާގެ، މުހައްމަދު މުސްއަބު ޒުބައިރު،
  • މާލެ ދަފްތަރު ނަމްބަރު ރސ 3678 ހުސެއިން އަބްދުލް މަޖީދު
  • މާލެ ވ. ޕިންކުވިލާ އަހުމަދު އަމީރު

އަދި ރ. ރަސްމާދޫ، އޯކިޑްމާގެ މުހައްމަދު އަޒްމީންގެ މައްޗަށް ވަނީ ފޭރުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ ކޮށްފައެވެ.

އޮކްޓޯބަރު 5، 2020 ވަަނަ ދުވަހު ހިނގި މި ހާދިސާގައި އެ ފަސް މީހުންގެ މައްޗަށް ދައުވާ އުފުލާފައި ވަނީ ޑިސެންބަރު 30، 2020 ވަނަ ދުވަހުއެވެ. ދައުލަތުން ކުރި ދައުވާއަށް އަޒްމީން ފިޔަވާ އެންމެން ވަނީ އިއުތުރާފު ވެފައެވެ.

އެމައްސަލައިގެ ހުކުމް އިއްޔެ އިއްވާފައި ވާއިރު އެ ހުކުމްގައި ބުނީ މި ދައުވާއަށް މައްސަލައިގެ އިބްތިދާއީ މަރުހަލާގައާއި އަވަސްނިޔާގެ ޝަރީއަތުގެ މަރުހަލާގައި ހަތަރު މީހުން އިއުތިރާފު ވެފައި ވުމުން، އެ ދައުވާ ޝައްކެއް ނެތް މިންވަރަށް ޝަރީއަތަށް ސާބިތުވާތީ، އެ ހަތަރު މީހުންގެ މައްޗަށް ފޭރުމުގެ ކުށުން ކުށްވެރިވެއްޖެ ކަމަށް ކަނޑައަޅައި، 2 އަހަރާ 4 މަހާއި 24 ދުވަހަށް ޖަލަށްލުމަށް ހުކުމް ކޮށްފައިވާ ކަމަށެވެ.

އަދި މި ހަތަރު މީހުންގެ މައްޗަށް ކަނޑައެޅުނު ޖަލު އަދަބުން، އަބްދުﷲ ރާޝިދުއާއި މުހައްމަދު މުސްތަބު ޒުބައިރު ތަންފީޒު ކުރަން ޖެހޭނީ 1 އަހަރާއި 1 މަހާއި 1 ދުވަހުގެ މުއްދަތުގެ ޖަލު އަދަބު ކަމަށާއި، ހުސައިން އަބްދުލްމަޖީދު ތަންފީޒު ކުރަންޖެހޭނީ، 1 އަހަރާއި 1 މަސްދުވަހުގެ ޖަލު އަދަބު އަދި އަހްމަދު އަމީރު ތަންފީޒު ކުރަން ޖެހެނީ 1 އަހަރާއި 29 ދުވަހުގެ ޖަލު އަދަބެއް ކަމަށް ހުކުމުގައި ވަނީ ބަޔާން ކޮށްފައެވެ.

ފުލުހުން މީގެ ކުރިން ވަނީ އެ ހަތަރު މީހުންނަކީވެސް ވައްކަމާއި، ތޫނު ހަތިޔާރުން ހަމަލާދީ ފޭރުމާއި، މާރާމާރީ އަދި މަސްތުވާތަކެތީގެ މައްސަލަތަކުގެ ކުށުގެ ރެކޯޑު އޮންނަ މީހުން ކަމަށް ބުނެފައެވެ.