ބޭންކް އޮފް މޯލްޑިވްސްގެ 40 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން ތައާރަފުކުރި ސްކޮލާޝިޕްއަށް އެދި ހުށަހެޅުމުގެ ފުރުސަތު މިއަދު ހުޅުވާލައިފިއެވެ.

ބީއެމްއެލްއިން މި އަންނަ ނޮވެންބަރު މަހު އެ ކުންފުންޏަށް 40 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ތައާރަފްކުރި މި ސްކޮލާޝިޕަކީ ބޭންކިން އާއި މާލީ ދާއިރާ އިން ހުނަރުވެރި ދިވެހި ޒުވާނުން ބިނާކުރުމަށް ދޭ ސްކޯލާޝިޕްއެކެވެ، މި ސްކޯލާޝިޕްގެ ދަށުން ހުރިހާ ހަރަދެއް ހިމެނޭހެން ކޮންމެ އަހަރަކުވެސް 3 ދަރިވަރަކަށް ރާއްޖޭން ބޭރުން މަތީ ތައުލީމު ހާސިލްކުރުމުގެ ފުރުސަތު ލިބޭނެ ކަމަށް ބީއެމްއެލްއިން ބުނެއެވެ.

ބީއެމްއެލްއިން ބުނީ މި ސްކޮޕަޝިޕަށް ހުށަހަޅާ މީހުންގެ ހުންނަން ޖެހޭ ޝަރުތުތަކުގެ ތެރޭގައި އުމުރުން 18 އަހާރާއި 25 އަހަރާ ދެމެދުގެ ދިވެއްސަކަށް ވުމާއެކު އޭ ލެވެލް އިމްތިހާނުގެ ހުރިހާ މާއްދާއަކުން ފާސްވެފައިވުން ހިމެނޭ ކަމަށެވެ. އަަދި މި ސްކޯލާޝިޕަށް ހޮވޭ ދަރިވަރުންނަށް ބީއެމްއެލް އިން ކޯހުގެ ޓިއުޝަން ފީ، މަހުން މަހަށް ހިނގާ ހަރަދު، ވިސާ ފީ، ފޮތް ގަތުމުގެ ހަރަދު، އެސްޓަބްލިޝްމެންޓް އެލަވަންސްގެ އިތުރުން ޓިކެޓު ހަރަދު ހިމެނޭ ކަމަށްވެސް އެ ކުންފުނިން ވަނީ ބުނެފައެވެ.

މި ސްކޮލާޝިޕްގެ ދަށުން، ފުރަތަމަ ޑިގްރީ ހާސިލްކުރުމަށް ފުރުސަތު ދޭ ދާއިރާތަކުގެ ތެރޭގައި ބޭންކިން އެންޑް ފައިނޭންސް، ފައިނޭންޝަލް ޓެކްނޮލޮޖީ، ރިސްކް މެނޭޖްމަންޓް، ފައިނޭންޝަލް ރިޕޯޓިން އެންޑް އެނަލިޓިކްސް އަދި ފައިނޭންޝަލް އިންޖިނިއަރިން ހިމެނެއެވެ.

ބީއެމްއެލްއިން ބުނީ އެޕްލިކޭޝަން ފޯމު ހުށަހެޅުމުގެ ސުންގަޑިއަކީ އޭޕްރީލް 21، 2022 ކަމަށާއި އެޕްލިކޭޝަން ފޯމާއި ލިޔެކިޔުންތައް ފޮނުވަން ޖެހެނީ އީމެއިލް އަށް ކަމަށެވެ.