ރާއްޖޭގައި ކުށްކުރާ މީހުންގެ ނިސްބަތް އިތުރު ކަމަށާއި މިކަމަށް ވިސްނާ ފިކުރުކޮށް ބޮޑު ބަދަލެއް ގެންނަންޖެހޭ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.
އިމްރާން މިހެން ވިދާޅުވީ، މޯލްޑިވްސް ކަރެކްޝަނަލް ސާވިސް (އެމްސީއެސް) ގެ އިންސްޓިޓިއުޓް ފޯ ކަރެކްޝަނަލް ސްޓަޑީޒް (އައިކޯސްޓް) އިން ހިންގި "ޑިޕްލޮމާ އިން ކަރެކްޝަނަލް މެނޭޖްމަންޓް" ކޯހުގެ 3 ވަނަ ބެޗް ފުރިހަމަކުރި ބައިވެރިންގެ ދަސްވެނިވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ވާހަކަ ދައްކަވަމުންނެވެ.
އިމްރާން ވިދާޅުވީ އިންސާނުގެ ހަޔާތުގައި ލިބޭ އެންމެ ބޮޑު އެއް ކާމިޔާބާއި ކުރިއެރުމަކީ އިލްމުގެ މަރުހަލާތަކުގައި ދަތުރުކުރުމަށް ލިބިގެންދާ ފުރުސަތުތައް ކަމަށެވެ.
އިލްމާ ގުޅުން ހުރި މިސާލެއްގެ ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ ކަރެކްޝަނަލް މެނޭޖްމަންޓްއިން ޑިޕްލޮމާ ހާސިލްކޮށްގެން ނިކުންނަނީ ރާއްޖެއަށް އެންމެ މުހިއްމު އަދި ބޭނުންތެރިވެފައިވާ ދާއިރާ ކަމަށާއި ރާއްޖޭގައި ތަކުރާރުކޮށް ކުށްކުރާ މީހުން އެމްސީއެސްއިން ބެލެހެއްޓުމަށްފަހު، މުޖްތަމައުއަށް ފައިދާހުރި ބައެއްގެ ގޮތުގައި ނެރުމަށް ކުރެވޭ މުހިއްމު މަސައްކަތަށް އެޅޭ މުހިއްމު ފިޔަވަޅެއް ކަމަށެވެ. އަދި މި ކަމަށް އިލްމު އުނގެނި ދަސްކުރަންޖެހޭ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ރާއްޖޭގައި ކުށްކުރާ މީހުންގެ ނިސްބަތް ގިނަކަމާއި އެއީ ދައުލަތުގެ ނިސްބަތުން ވިސްނާ ފިކުރުކޮށް ބޮޑު ބަދަލެއް ގެންނަންޖެހޭ ކަމެއް ކަމަށް އިމްރާން ފާހަގަކުރެއްވިއެވެ. އަދި އެކަން ކުރުމަށް ތިބީ އެމްސީއެސްގެ އެންމެ މަތިން ފެށިގެން މަސައްކަތްކުރާ މުވައްޒަފުންކަމުގައި މިނިސްޓަރު ވިދާޅުވިއެވެ.
އިލްމުގެ މުހިއްމުކަމަށް އަލި އަޅުއްވާލައްވަމުން އިމްރާން ވިދާޅުވީ އިލްމު އުނގެނުމުގެ ސަބަބުން ކާމިޔާބީ ލިބިގެންދިއުމުގެ އިތުރުން ދެ ދުނިޔޭގެ މަތިވެރިކަމާއި ޝަރަފާއި އިއްޒަތް ލިބޭނެ ކަމަށެވެ.