ޕްރިޒަން އޮފިސަރުން ތަރައްގީކުރުމުގެ ގޮތުން މޯލްޑިވްސް ކަރެކްޝަނަލް ސާވިސް (އެމްސީއެސް) ގެ އިންސްޓިޓިއުޓް ފޯ ކަރެކްޝަނަލް ސްޓަޑީޒް (އައިކޯސްޓް) އިން ހިންގި “ޑިޕްލޮމާ އިން ކަރެކްޝަނަލް މެނޭޖްމަންޓް” ކޯހުގެ ތިން ވަނަ ބެޗް ގެ ދަސްވެނިވުން ބާއްވައިފިއެވެ.

ކަރެކްޝަނުން ބުނީ އެއް އަހަރު ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިޔަ މި ކޯސް ރަސްމީކޮށް ފަށާފައިވަނީ ޖަނަވަރީ 10، 2021 ގައި ކަމަށެވެ.

މި ކޯހުގެ ތިން ވަނަ ބެޗްގައި އެކި ޖަލުތަކުން ޖުމްލަކޮށް 28 އޮފިސަރުން ބައިވެރިވެފައިވާއިރު، މި ކޯސް ކާމިޔާބުކަމާއެކު 14 މުވައްޒަފުން ފުރިހަމަކޮށްފައިވާ ކަމަށް ކަރެކްޝަނުން ބުނެއެވެ. އަދި އެކި ސަބަބުތަކާ ގުޅިގެން ހަ ދަރިވަރަކު މި ކޯހުން ވަކިވެފައިވާ ކަމަށް ވެސް ކަރެކްޝަނުން ވަނީ ބުނެފައެވެ.

ކަރެކްޝަނުން ބުނީ މި ކޯސް ފަރުމާކޮށްފައިވަނީ އެމްސީއެސްގެ މަސައްކަތްތަކަށް ހާއްސަކޮށް ކަމަށެވެ.

މި ކޯހުގެ މައިގަނޑު މަގްސަދަކީ ޕްރިޒަން އޮފިސަރުންނަކީ ތައުލީމީގޮތުންނާއި ހުނަރުގެ ގޮތުން ގާބިލް ބަޔަކަށް ހެދުމާއި، މެނޭޖްމަންޓް ލެވަލްގައި ދިމާވާ މައްސަލަތައް ހައްލުކުރާނެ ގޮތްތައް ދަސްކޮށްދިނުން ކަމަށް ކަރެކްޝަނުން ބުނެއެވެ.

މިއީ ރާއްޖޭގައި ހިންގޭ މިޒާތުގެ ފުރަތަމަ ކޯހެވެ.

މިކޯސް ފުރިހަމަކުރި ފަރާތްތަކަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން ލެވެލް 5 ގެ ފެންވަރަށް ބަލައިގަންނަ ސެޓްފިކެޓެއް ލިބިގެންދާނެއެވެ. މި ކޯހުގައި ކިޔަވާދެނީ ކަރެކްޝަނަލް މެނޭޖްމަންޓްގެ އެކި ދާއިރާތަކާ ގުޅުންހުރި ބެޗްލާސް ޑިގްރީއިން މަތި ހާސިލްކޮށްފައިވާ އައިކޯސްޓްގެ މުދައްރިބުންނާއި އެމްސީއެސްގެ މުވައްޒަފުންނެވެ.