އެމްއެންޔޫގެ މެޑިސިން ސްކޫލްގައި ކިޔަވަމުންދާ ދަރިވަރުން ތަކަކަށް ބުލީކުރި މައްސަލައެއް ބަލަމުންދާ ކަމަށް ޔުނިވާސިޓީން ބުނެފިއެވެ.

މިއަދު ނެރުނު ބަޔާނެއްގައި އެމްއެންޔޫއިން ބުނީ، މެޑިސިން ސްކޫލްގައި ކިޔަވާ ދަރިވަރުން ތަކަކަށް ބުލީ ކުރާ ކަމުގެ މައްސަލައެއް ހުށަހަޅާފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހުގެ ހެނދުނު 9:23 ހާއިރު ކަމަށެވެ.

ބުލީ ކުރުމަކީ ދަރިވަރުންގެ ކޯޑް އޮފް ކޮންޑަކްޓާ ހިލާފު ކަމެއް ކަމަށާއި، އެމްއެންޔޫގެ މައްސަލަ ބަލާ ކޮމިޓީއަކުން އެ މައްސަލަ ތަހުގީގު ކުރަމުން ދާ ކަމަށް އެމްއެންޔޫއިން ބުންޏެވެ. އަދި އެ މައްސަލަ ނިމުނުހާ އަވަހަކަށް ކަން ހިނގާފައިވާ ގޮތް ދަރިވަރުންނާ ހިއްސާކޮށް އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެ ކަމުގައިވެސް ބުންޏެވެ.

އެ މައްސަލަ ހުށަހެޅި ދަރިވަރު ރޭ ސޯޝަލް މީޑިއާގައި ބުނެފައި ވަނީ އެކި ފަހަރު މަތިން އޭނާ އަށާއި އޭނާގެ އެކުވެރިޔާއަށް މެޑިސިން ސްކޫލްގައި ކިޔަވަމުން އަންނަ ދަރިވަރަކު ދެ އަހަރު ވަންދެން ބުލީ ކުރަމުންދާ ކަމަށާއި، މެޑިސިން ސްކޫލްގެ ޑީންގެ ސަމާލުކަމަށް އެ މައްސަލަ ގެނެވުނު ނަމަވެސް، ދިނީ ބީރު ކަންފަތެއް ކަމަށެވެ.

އަދި ބުލީ ކުރުމުގެ ސަބަބުން އެންމެ ބޮޑު އަސަރެއް ކޮށްފައިވަނީ އޭނާގެ ރަހުމަތްތެރިޔާ އަށް ކަމަށާއި، އެކަމުގެ ސަބަބުން އޭނާގެ ރަހުމަތްތެރިޔާ "މަރުވާން" މަސައްކަތް ކޮށްފައިވާ ކަމަށްވެސް އެ ދަރިވަރު ބުނެފައިވެއެވެ. އަދި އެކުވެރިޔާއަކީ "މޮޔަ" އެއްގެ ގޮތުގައި އެހެނިހެން ދަރިވަރުންނާއި ލެކްޗަރާއިން ގާތުގައި ކިޔަމުން ދާ ކަމުގައިވެސް އޭނާ ބުންޏެވެ.

ހަމަ އެއާއެކު، އެމްއެންޔޫގެ މެޑިސިން ސްކޫލްގައި ބުލީ ކުރާ ދަރިވަރުންނަށް ހިމާޔަތް ދީފައިވާ ކަމަށާއި، ނަމަވެސް ބުލީގެ ޝިކާރައަކަށް ވެފައިވާ ދަރިވަރުންނަށް އެއްވެސް ރައްކާތެރިކަމެއް ނެތް ކަމަށް ބުނެ، އެ ދަރިވަރު ވަނީ ކަންބޮޑުވުން ފާޅު ކޮށްފައެވެ.