ލިބިފައި ވާ ހެކިތަކަށް ބުރަ ވާ އިރު، ރަޝިއާއިން ދަނީ 1945 އަހަރަށް ފަހު ވިލާތުގައި ކުރާ އެންމެ ބޮޑު ހަނގުރާމަ ރާވަމުން ކަމަށް، އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ބޮރިސް ޖޯންސަން ވިދާޅުވެއްޖެއެވެ.

ބައިނަލްއަގުވާމީ ހަބަރު ފެތުރުމުގައި ގިނަ ބައެއްގެ އިތުބާރު ހޯދާފައި ވާ ބީބީސީއަށް ދެއްވި ބަސްދީގަތުމެއްގައި ޖޯންސަން ވިދާޅުވީ، ވިލާތުގައި ބޮޑު ހަނގުރާމައެއް ކުރަން ރޭވުމުގެ މަސައްކަތް ރަޝިއާއިން ކޮންމެވެސް ސިފައެއްގައި ފަށާފައި ވާ ކަމަށެވެ.

ލިބިވަޑައިގެންފައިވާ ޖާސޫސީ މައުލޫމާތަށް ރިއާޔަތް ކުރައްވަކުން ޖޯންސަން ވިދާޅުވީ، ރަޝިއާއިން ޔޫކްރައިންއަށް އަރާ، ވެރިރަށް ކިޔޭވް ވަށާލާނެ ކަމަށެވެ. ރަޝިއާގެ ފައުޖު ޔޫކްރައިންއަށް އަރާނީ އިރުމަތީ ޑޮންބާސް ސަރަހައްދުން ކަމުގައި ނުބެލެވޭ ކަމަށާ، ނަމަވެސް ރަޝިއާގެ ފައުޖުތައް ޔޫކްރައިންއަށް އަރާނީ ބެލަރޫސް ސަރަހައްދާއި ކިޔޭވް ވަށައިގެން އޮތް ސަރަހައްދުން ކަމަށް ބެލެބޭ ކަމަށް ޖޯންސަން ވިދާޅުވިއެވެ.

ހަނގުރާމައެއް ފެށިއްޖެ ނަމަ ފުރާނަ ގެއްލިދާނީ ޔޫކްރައިންގެ ރައްޔިތުންގެ އެކަނި ނޫން ކަމަށާ، ރަޝިއާގެ ޅަ ޒުވާނުންގެވެސް ފުރާނަވެސް ގެއްލިދާނެ ކަމީ ވިސްނަން ޖެހޭ ކަމެއް ކަމަށް ޖޯންސަން ވަނީ ވިދާޅުވެފައެވެ.

ޖޯންސަންގެ ވާހަކަފުޅު މިފަދަ ރޫހެއްގައި ހުރި އިރު، ރަޝިއާއިން ޔޫކްރައިންއަށް އަރާ، ހަނގުރާމަ ފަށާފާނެ ކަމުގެ އިންޒާރު، އެމެރިކާއިން ދެމުންދާތާ މިހާރު ދުވަސްތަކެއް ވެއްޖެއެވެ. އެމެރިކާ ސަރުކާރުގެ އެންމެ ފަހުގެ އަންދާޒާތަކަށް ބަލާއިރު، ޔޫކްރައިންއާ އެކު ހިއްސާ ކުރާ ބޯޑަރު ސަރަހައްދުގައި ތިބި ރަޝިއާގެ އަސްކަރީ ސިފައިންގެ އަދަދު އުޅެނީ 169000 އާއި 190000 އާ ދެމެދުގައެވެ. މި އަދަދަކީ، ޔޫކްރައިންގައި ވަކިވެގަތުމަށް މަސައްކަތް ކުރާ ފައުޖުގެ މެންބަރުންވެސް ހިމަނައިގެން އެމެރިކާއިން ޖަހާ އަދަދެއް ކަމަށް ހަބަރު ލިބެއެވެ.

ކަން މިހެން އޮތް އިރު، މިއުނިކް ސެކިއުރިޓީ ކޮންފަރެންސްގައި ވާހަކަފުޅު ދައްކަވަމުން ޔޫކްރައިންގެ ރައީސް ވްލެޑްމީރް ޒެލެންސްކީ ވަނީ، ރަޝިއާއާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ދިނުމަކީ، ރަޝިއާއިން ޔޫކްރައިންއަށް ބޮން އަޅައިފިނަމަ އެއްވެސް ބޭނުމެއް ނެތް އިންޒާރެއް ކަމަށެވެ.

އަދުގެ ހާލަތުގައި އެމެރިކާއަށް ފޯރުކޮށްދެވޭނެ އެންމެ ބޮޑު އެހީއަކީ ރަޝިއާއިން ޔޫކްރައިންއަށް އަރާ، ހަނގުރާމަ ފަށާނެ ތާރީހުތަކެއް ލަފާ ކުރުން ނޫން ކަމަށްވެސް ޒެލެންސްކީ ވަނީ ވިދާޅުވެފައެވެ. މި މޭރުމުން ތާރީހުތަކެއް ވިދާޅުވަމުން ޒެލެންސްކީ ވަނީ، މިއިން ކޮންމެ ދުވަހަކީވެސް ޔޫކްރައިންއަށް އެ ގައުމު ދިފާއު ކުރެވޭނެ ދުވަހެއް ކަމަށް ވިދާޅުވެފައެވެ. އަދި ޔޫކްރައިނުން ބޭނުންވާ ހަމައެކަނި ކަމަކީ ސުލްހަ ކަމަށްވެސް އެ ގައުމުގެ ރައީސް ވަނީ ވިދާޅުވެފައެވެ.