ކުރީގެ ޓޫރިޒަމް މިނިސްޓަރު، އަލީ ވަހީދުގެ ޕާސްޕޯޓު ދޫކޮށްލި މައްސަލާގައި އޭނާގެ ފަރާތުން މައްސަލާގައި ޖާމިނުވާ ފަރާތް، ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަސްހަދު އަލީ (އަޑުބަރޭ) ރާއްޖެ އަތުވެއްޖެއެވެ.

"ދަ ޕްރެސް" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އަޑުބަރޭ ރާއްޖެ އައިސްފައި ވަނީ މިރޭ 8:30ގައި ޔޫއެލް 103 ފްލައިޓުންނެވެ.

އަޑުބަރޭ ރާއްޖެ އައުމާއެކު ކަރެކްޝަންސްގެ ބެލުމުގެ ދަށަށް ވަނީ ގެންގޮސްފައެވެ.

އަސްހަދު 15 ދުވަހަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން ހުކުމްކޮށްފައި ވަނީ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ރާއްޖޭން ބޭރަށް ވަޑައިގަތުމަށް ހުއްދަ ދިނުމުގައި ޖާމިނުވުމާ ގުޅިގެން، އެ މުއްދަތުގައި އަލީ ވަހީދު އެނބުރި ވަޑައިނުގަތުމާ ގުޅިގެންނެވެ.

ކަރެކްޝަނުން ވަނީ، ޣައިރު ހާޒިރުގައި އަސްހަދަށް ކުރި ހުކުމާ ގުޅިގެން ހުކުމް ތަންފީޒުކުރަން އޭނާ ގެނެސްދޭން ފުލުސް އޮފީހުގައި އެދިފައެވެ. ނަމަވެސް އަސްހަދު ރާއްޖޭގައި ނެތް ކަމަށް ފުލުހުން ވަނީ މިމަހު 17 ވަނަ ދުވަހު ބުނެފައެވެ.

އަލީ ވަހީދުގެ މައްޗަށް ޖިންސީ ގޯނާގެ ހަތް މައްސަލައެއް ކްރިމިނަލް ކޯޓަށް ވައްދާފައި އޮއްވާ، ގާޒީ ހަސަން ސައީދު ވަނީ އަލީ ވަހީދުގެ ޕާސްޕޯޓު ހަތަރު މަހަށް ދޫކޮށްލައި ބޭސްފަރުވާ އަށް ފުރުމަށް ހުއްދަ ދީފައެވެ. އެ ހުއްދަ ދީފައިވަނީ އަސްހަދު ޖާމިނުވާ ގޮތަށް އެއްބަސްވުމެއް ހަދައިގެން ހަތަރު މަސްދުވަހުގެ ތެރޭ އަލީ ވަހީދު ރާއްޖެއަށް ވަޑައިގަންނަވަން ޖެހޭ ގޮތަށެވެ.

ނަމަވެސް ހަތަރު މަސްދުވަހަށްވުރެ ގިނަ ދުވަސް ވެގެން ދިޔައިރުވެސް އަލީ ވަހީދު އެނބުރި ވަޑައެއް ނުގަންނަވައެވެ. އަލީ އެދިވަޑައިގަތީ ބޭސްފަރުވާގެ ކަންކަން ކުރިއަށް ގެންދަން ޖެހޭތީ ޝަރީއަތްތައް އޮންލައިންކޮށް ކުރިއަށް ގެންދިއުމަށެވެ.

އެގޮތަށް އިންތިޒާމު ހަމަޖައްސައި، އިނގިރޭސިވިލާތުގައި ހުންނަ ރާއްޖޭގެ ހައިކޮމިޝަނަށް އަލީ ހާޒިރުކޮށް ދެ އަޑުއެހުމެއް ކުރިއަށް ގެންދިޔަ، ނަމަވެސް ޕްރޮސެކިއުޓަރު ޖެނެރަލްގެ އޮފީހުން އެކަމަށް އިއުތިރާޒު ކުރިއެވެ.