މާލެ ރައްޔިތުންނަށް ހުޅުމާލެއިން ގޯތި ހިލޭ ލިބެން ޖެހޭ ކަމަށް މާލެސިޓީ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މުއިއްޒު މީޑިއާތަކަށް ފޮނުއްވި މެސެޖެއްގައި ވިދާޅުވީ، ރާއްޖޭގެ އެހެން ރަށްތަކުން އެ ރަށެއްގެ ބިން ހިއްކާފައި ރައްޔިތުންނަށް ހިލޭ ދޭއިރު މާލޭއިން ބިން ހިއްކާފައި ވިއްކުމަކީ ހަމަހަމަކަން ނެތިގެންދާ ކަމެއް ކަމަށެވެ.

މުއިއްޒު ވަނީ ހުޅުމާލޭން މާލެ ރައްޔިތުންނަށް ހާއްސަކޮށްފައިވާ 1،000 ގޯތި މާލެ ރައްޔިތުންނަށް ހިލޭ ދެއްވުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހްއާއި ސަރުކާރަށް ގޮވާލައްވާފައެވެ.

މީގެ އިތުރުން ވަނީ އެ ބިންތަކުގެ އަގު ރިކަވާ ކުރުމަށް އެހެން ބިންތަކާއި ވިޔަފާރި މުއާމަލާތްތަކުން ފައިސާ ހޯދުމަށް ވެސް މުއިއްޒު ވަނީ ގޮވާލައްވާފައެވެ.

މާލެ ރައްޔިތުންނަށް ޚާއްސަ ކުރެވޭ ގޯތިތައް، އެހެން ރަށްރަށުގައި ދެއްވާހެން ހިލޭ ދެވޭނެ،
މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު

ހުޅުމާލެއިން މާލެ ރައްޔިތުންނަށް 1250 އަކަފޫޓުގެ 1000 ގޯތި ދޫކުރަން ނިންމާފައިވާ ކަމަށް އެޗްޑީސީން ވަނީ ބުނެފައެވެ. އެޗްޑީސީން މިހެން ބުނެފައި ވާއިރު، މާލެ ރައްޔިތުންނަށް އިންވަކިކޮށް ގޯތީގެ ފަތް ދީފައި މެނުވީ ރިޔާސީ ދައުރު ނިންމަވާ ނުލައްވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި ރިޔާސީ ބަޔާން އިއްވަވަމުން ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވަނީ ވިދާޅުވެފައެވެ.

އެގޮތުން މާލޭ ރަށްވެހިންނަށް ހުޅުމާލެއިން މަދުވެގެން 1،000 ގޯތި، އަދި ގުޅީފަޅުން މަދުވެގެން 2،000 ގޯތި އަދި ގިރާވަރު ފަޅު ހިއްކައިގެން 2000 ގޯތި ދެއްވާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.