ފްރޮންޓްލައިންގައި ހަރަކާތްތެރިވާ ޕްރިޒަން އޮފިސަރުން ބޮޑީ ވޯން ކެމެރާ، ޓްރަޔަލްއެއްގެ ގޮތުގައި ބޭނުންކުރަން ފެށުމުގެ ގޮތުން، އެ ތަކެތި ރާއްޖެއަށް އެތެރެކޮށް ޑިސްޓްރިބިއުޓްކުރާ ޒެޓާ ޓެކްނޮލަޖީސްއާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

ކަރެކްޝަންގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ކޮމިޝަނާ އޮފް ޕްރިޒަންސް އަހްމަދު މުހައްމަދުފުޅުއެވެ. އަދި ޒެޓާ ޓެކްނޮލޮޖީސްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު އައިމަން އާދަމްއެވެ.

ކަރެކްޝަނުން ބުނީ މިއަދު ސޮއިކުރި އެއްބަސްވުމުގެ މުއްދަތަކީ ތިން މަސް ދުވަސް ކަމަށެވެ. އަދި މި މުއްދަތުގައި ކަރެކްޝަނަށް އެ ކުންފުނިން 15 ބޮޑީ ވޯން ކެމެރާއާއި ތިން ޓޭޒާ ފޯރުކޮށްދޭނެ ކަމަށް ކަރެކްޝަނުން ބުނެއެވެ. ކަރެކްޝަނުން ބުނީ ޓޭޒާ ޒިންމާދާރުކޮށް ބޭނުންކުރުމާއި ބޭނުންކުރާނެ ހަލަތްތަކާ ބެހޭގޮތުން ތަމްރީން ފެށުމުގެ އިންޒިތާމް ހަމަޖެހިފައިވާ ކަމަށެވެ.

މި ތަކެތި ބޭނުން ކުރާނީ ޖަލުތަކުގެ ފްރަންޓްލައިންގައި މަސައްކަތްކުރާ ޕްރިޒަން އޮފިސަރުންނަށް ކަމަށް ކަރެކްޝަނުން ބުނެއެވެ.

ކަރެކްޝަނުން ބުނީ މި ފަދަ ޒަމާނީ ޓެކްނޮލޮޖީގެ ވަސީލަތްތައް ބޭނުންކުރުމުގެ ސަބަބުން ޕްރިޒަން އޮފިސަރުން މިހާރަށްވުރެ ޒިންމާދާރުވެ، ޖަވާބުދާރީވުން އިތުރު ވެގެންދާނެ ކަމަށެވެ. އަދި މިއީ ޖަލުގައި ބަންދުކޮށްފައި ތިބޭ ފަރާތްތަކާއި ޕްރިޒަން އޮފިސަރުންގެ ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް މުހިއްމު ދައުރެއް އަދާކުރާނެ ފިޔަވަޅެއް ކަމަށް ކަރެކްޝަނުން ބުނެއެވެ

ފުލުހުން ރަސްމީކޮށް ބޮޑީވޯން ކެމެރާ ބޭނުން ކުރަން ފަށާފައިވަނީ މިމަހު 13 ވަނަ ދުވަހުއެވެ. ފުލުހުންގެ ބޮޑީ ވޯން ކެމެރާ ފުރަތަމަ ބޭނުން ކުރާނީ މާލެ އާއި އައްޑޫ ސިޓީގައި މަސައްކަތް ކުރާ ފުލުހުންނަށެވެ.