ލ. މާމެންދޫގައި ސެލްފް ސާވިސް ބޭންކިންގެ ހިދުމަތް ތައާރަފު ކޮށްފިއެވެ.

މި އޭޓީއެމް ސެންޓަރު މެދުވެރިކޮށް އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް 24 ގަޑިއިރު ފައިސާ ނެގުމުގެ އިތުރުން ފައިސާ ޖަމާކުރުމާއި، ބިލަށް ފައިސާ ދެއްކުމާއި ޓްރާންސްފާ ކުރުމުގެ ހިދުމަތް ލިބިގެންދާނެ ކަމަށް ބީއެމްއެލް އިން ބުނެއެވެ.

ބީއެމްއެލް އިން ބުނީ މި އޭޓީއެމް ސެންޓަރުގެ ހިދުމަތާއެކު މިވަގުތު ލ. އަތޮޅު ފޮނަދޫ އަދި ގަމުގައި ބްރާންޗް އަދި ސެލްފް ސާވިސް ބޭންކިން ހިދުމަތް ދެމުންގެންދާ ކަމަށެވެ. އަދި މާވަށުގައި ސެލްފް ސަާވިސް ބޭންކިން ސެންޓަރު މެދުވެރިކޮށް ހިދުމަތް ފޯރުކޮށްދެމުންދާ ކަމަށެވެ.

މިކަމާ ގުޅޭ ގޮތުން ބީއެމްއެލް ސީއީއޯ އަދި މެނޭޖިން ޑައިރެކްޓަރު ޓިމް ސޯޔާ ވިދާޅުވީ މުޅި ރާއްޖެއަށް ބޭންކިން ހިދުމަތް ފުޅާކުރުމުގެ ސްޓްރެޓަޖީގެ ދަށުން ރާއްޖޭގެ އެކި ރަށްރަށަށް ބޭންކިން ހިދުމަތް ފޯރުކޮށްދިނުމަށް ބީއެމްއެލްއިން އިންވެސްޓް ކުރަމުންދާނެ ކަމަށެވެ.

މާމެންދޫގައި މި ހުޅުވުނު އޭޓީއެމް ސެންޓަރު މެދުވެރިކޮށް އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް އެހެން ރަށަކަށް ދަތުރުކުރަން ނުޖެހި ބޭންކިން ހިދުމަތް ހޯދުމަށް އިތުރު ލުއި ފަސޭހަކަމެއް ލިބިގެންދާނެ ކަން ވެސް ޓިމް ސޯޔާ ފާހަގަކުރެއްވިއެވެ.

މުޅި ރާއްޖެ ހިމެނޭ ބޭންކިން ވިއުގަޔަކާއެކު 20 އަތޮޅުގައި 35 ބްރާންޗް، 78 ސެލްފްސާވިސް ބޭންކިން ސެންޓަރު، 136 އޭޓީއެމް، 200 އަށް ވުރެ ގިނަ ކޭޝް އޭޖެންޓުންގެ ހިދުމަތް ލިބެއެވެ.