ސިޓީ ކައުންސިލުން ތަރައްގީކޮށްފައިވާ ޕާކިން ސްލޮޓްތަކަށް ކުރިމަތިލުމަށްޓަކައި ތައްޔާރުކޮށްފައިވާ ޕޯޓަލް އަށް އިއްޔެ ދިމާވި މައްސަލަ ހައްލުކޮށް، މިއަދު މެންދުރުފަހު 2:00 ޖަހާއިރު އަލުން ޕޯޓަލް ހުޅުވާލަން ނިންމައިފިއެވެ.

ކައުންސިލުން މިއަދު ކުރި އިއުލާނެއްގައި ބުނީ، ޕާކިން ސްލޮޓްތަކަށް ކުރިމަތިލުމަށްޓަކައި އިއްޔެ ހުޅުވާލި ޕޯޓަލް ބްލޮކްވުމުގެ ސަބަބުން އެ ޕޯޓަލް ވަގުތީގޮތުން ވަނީ ބަންދުކޮށްފައި ކަމަށެވެ.

އެހެންކަމުން އިއްޔެ ދިމާވި މައްސަލަ ހައްލުކުރުމަށް ފަހު، މިއަދު އަލުން އެ ޕޯޓަލް ހުޅުވާލެވިގެން ދާނެ ކަމަށް ކައުންސިލުން ބުންޏެވެ.

ހަމަ އެއާއެކު، އިއްޔެ ޕޯޓަލް ހުޅުވާލި ވަގުތު ޕާކިން ޒޯނަށް ކުރިމަތިލީ ފަރާތްތަކުގެ އެޕްލިކޭޝަންތައް ބަލައިގަތުމަސް ނިންމާފައިވާ ކަމަށްވެސް ބުންޏެވެ.

މިމަހުގެ 10 ވަނަ ދުވަހު ސިޓީ ކައުންސިލުން ކުރި އިއުލާނެއްގައި ބުނީ އެކައުންސިލްގެ ފަރާތުން މާލޭގައި ތަރައްގީކޮށްފައިވާ ޕާކިން ޖާގަތަކަށް ކުރިމަތި ލުމުގެ ފުރުސަތު އިއްޔެއިން ފެށިގެން އޮންލައިންކޮށް ހުޅުވާލާފައިވާ ކަމަށެވެ.

މި ޕާކިން ސްލޮޓްތަކަކީ މަހު ފީގެ ގޮތުގައި އަގު ނަގާގޮތަށް ކުއްޔަށް ދޫކުރެވޭ ސްލޮޓްތަކެއް ކަމަށާއި، މި ސްލޮޓްތަކުގެ ތެރޭގައި ޕްރައިވެޓް ކާރުތަކަށާއި، މާލޭގައި ދުއްވާ ޓެކްސީތަކާއި، 3.5 ޓަނުގެ ޕިކަޕްތަކަށް ހާއްސަ ސްލޮޓްތައް ހިމެނޭނެ ކަމަށް ސިޓީ ކައުންސިލުން ބުނެފައިވެއެވެ.

އެ ޕާކިން ސްލޮޓްތަކުގެ 25 ޕަސަންޓް ހާއްސަކޮށްފައި ވާނީ މާލޭގައި ދުއްވާ ޓެކްސީތަކަށް ކަމަށާއި، ކޮންމެ ފަރާތަކަށްވެސް ތަފާތު ތިން ސަރަހައްދަކުން ޕާކިން ސްލޮޓްގެ ޖާގައަށް ކުރިމަތިލެވޭނެ ކަމަށް ސިޓީ ކައުންސިލުން ބުނެފައިވެއެވެ.

އެއިއުލާނުގައި އިތުރަށް ވަނީ، ކުލިދައްކައިގެން ޕާކް ކުރުމަށް ޖާގައަށް އެދޭ މީހުން އޮންލައިން ޕޯޓަލް މެދުވެރިކޮށް ރަޖިސްޓާ ކޮށް، ބޭނުންވާ ތިން އޮޕްޝަނަށް އެޕްލިކޭޝަން ހުށަހެޅުމަށް އެދިފައެވެ. ނަމަވެސް އިއްޔެ ޕޯޓަލް ބްލޮކްވުމުގެ ސަބަބުން، ޕޯޓަލަށް ދިމާވި މައްސަލަ ހައްލުކޮށް، ކައުންސިލުން ވަނީ އަލުން އެ ފުރުސަތު މިއަދު މެންދުރު 2 އިން ފެށިގެން ހުޅުވާލާނެ ކަމަށް އިއުލާނު ކޮށްފައެވެ.