މިއަހަރުގެ ސެޕްޓެމްބަރު މަސް ނިމުމުގެ ކުރިން މާލޭގައި މިނީ ބަހުގެ ހިދުމަތްދޭން ފަށާނެ ކަމަށް އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.
އާޒިމް މިހެން ވިދާޅުވީ ރާއްޖެޓީ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުންނެވެ.
މާލޭގައި މިނީ ބަހުގެ ހިދުމަތް ދިނުމާ ގުޅޭ އެންމެ ފަހުގެ މައުލޫމާތު ހިއްސާ ކުރައްވަމުން އާޒިމް ވިދާޅުވީ މިނީ ބަހުގެ ހިދުމަތް ފެށުމަށް ބޭނުންވާ ބަޖެޓު މިހާރު ހަމަޖެހިފައިވާކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުނެފައިވާ ކަމަށެވެ.
މިގޮތުން މިމަސްތެރޭގައި ކޮންޓްރެކްޓްގައި ސޮއިކުރެވޭނެކަމަށް އުންމީދު ކުރައްވާ ކަމަށް އާޒިމް ވިދާޅުވިއެވެ. އާޒިމް ވިދާޅުވީ ކޮންޓްރެކްޓްގައި ސޮއިނުކުރެވުނު ނަމަވެސް މިހާރުވެސް މަސައްކަތްތައް ފަށައިގެން ކުރިޔަށްދާ ކަމަށެވެ.
އަދި މިއަހަރުގެ ތިން ވަނަ ކުއާޓާ ނިމުމުގެ ކުރިން މިނީ ބަހުގެ ހިދުމަތް ދޭން ފަށާނެ ކަމަށް ވެސް އާޒިމް ވަނީ ވިދާޅުވެފައެވެ.
މާލޭގައި މިނީ ބަހުގެ ހިދުމަތް ދިނުމަށް އެމްޓީސީސީއާ ހަވާލުކުރީ 2019 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައެވެ. މިއީ މާލެއަށް ދިމާވެފައިވާ ޓްރެފިކް މައްސަލައަށް ހައްލު ހޯދުމުގެ ގޮތުން ޓްރާންސްޕޯޓް މިނިސްޓްރީން އެމްޓީސީސީއާ ހަވާލުކޮށްފައިވާ މަޝްރޫއެކެވެ.
މާލޭގައި މިނީބަހުގެ ހިދުމަތާއި ސްކޫލް ބަހުގެ ހިދުމަތް ދޭން ފެއްޓުމަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ވައުދެކެވެ.