ބަންގްލަދޭޝްގެ ޗީފް އޮފް އާމީ ސްޓާފް، ޖެނެރަލް އެސްއެމް ޝަފީއުއްދީން ރާއްޖެއަށް ކުރައްވަމުންގެންދަވާ ފަސް ދުވަހުގެ ރަސްމީ ދަތުރުފުޅުގައި، މިއަދު އެމްއެންޑީއެފްގެ މައި މަރުކަޒަށް ޒިޔާރަތްކުރައްވައިފިއެވެ.

އެ މަރުކަޒުން ޗީފް އޮފް އާމީ ސްޓާފުގެ ޝަރަފުގައި ވަނީ އޮނާ ގާޑެއް އަރުވާފައެވެ.

ބަންގްލަދޭޝްގެ ޗީފް އޮފް އާމީ ސްޓާފްއާއެކު މިއަދު ބޭއްވި ބައްދަލުކުރެއްވުމުގައި މިނިސްޓަރ މާރިޔާ ވަނީ ބަންގްލަދޭޝް އަސްކަރިއްޔާއިން ދިވެހިރާއްޖެއަށް ވެދެއްވާފައިވާ އެހީތެރިކަމަށް ޓަކައި ޝުކުރު އަދާކުރައްވާފައެވެ. އަދި ދާދި ފަހުން ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝެއިހު ހަސީނާ ރާއްޖެއަށް ކުރެއްވި ޒިޔާރަތުގެ ތެރެއިން ދިވެހި އަސްކަރިއްޔާއަށް ހަދިޔާކުރެއްވި ޔޫޓިލިޓީ ވެހިކަލްތަކުގެ ބޭނުންތެރިކަން މިނިސްޓަރު މާރިއާ ފާހަގަކުރެއްވިއެވެ.

ޝަމާލާ ވަނީ ދެ ގައުމު ދެމެދު ދިފާއީ އަދި އަސްކަރީ ދާއިރާއިން ގުޅުންތައް އިތުރަށް ފުޅާކޮށް ހަރުދަނާކުރުމާ ބެހޭ ގޮތުން މަޝްވަރާކުރައްވާފައެވެ. އަދި ދިވެހި އަސްކަރިއްޔާއާއި ބަންގްލަދޭޝް އަސްކަރިއްޔާއާ ދެމެދު ވަރަށް ގާތް ގުޅުމެއް އުފެދިފައިވާކަން ފާހަގަކުރައްވާ ޝަމާލް ވިދާޅުވީ މި ގުޅުމުގެ ތެރެއިން ދެ ގައުމަށް ކުރިމަތިވެފައިވާ ސަލާމަތީ ގޮންޖެހުންތަކާއި ނުރައްކާތަކާ ދެކޮޅަށް މަސައްކަތްކުރުމަށް ފަސޭހަވެގެން ގޮސްފައިވާ ކަމަށެވެ.

މި ޒިޔާރަތުގައި، ބަންގްލަދޭޝް އާމީ ޗީފްގެ އަރިހުގައި ބަންގްލަދޭޝް އާމީގެ 7 ވަނަ އިންފެންޓްރީ ޑިވިޝަންގެ ޖެނެރަލް އޮފިސާ ކޮމާންޑިން މޭޖާ ޖެނެރަލް ހާން ފިރޯޒް އަހުމަދާއި ބަންގްލަދޭޝްއިން ސްރީލަންކާއާއި ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ޑިފެންސް އެޑްވައިޒާ ކޮމޮޑޯ ޝަފީއުލް ބާރީ ބައިވެރިވެވަޑައިގެންނެވިއެވެ. އަދި، ޗީފް އޮފް ޑިފެންސް ފޯސްގެ އިތުރުން، މި ބައްދަލުވުމުގައި ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއާ ޖެނެރަލް އަބްދުލްރަހީމް އަބްދުއްލަތީފް ބައިވެރިވެ ވަޑައިގެންނެވިއެވެ.

މި ބައްދަލުވުމަށްފަހު، ބަންގްލަދޭޝް އަސްކަރިއްޔާއާއި، އެމްއެންޑީއެފްއާ ދެމެދު އޮތް ގުޅުން އިތުރަށް ހަރުދަނާކޮށް ޑިފެންސް ކޯޕަރޭޝަންގެ ދާއިރާ ފުޅާކުރުމާ ބެހޭގޮތުން އެމްއެންޑީއެފްގެ ސާވިސްތަކުގެ އިސް އޮފިސަރުންނާއި ސްޓާފް އޮފިސަރުންނާއެކު މަޝްވަރާތައް ބާއްވާފައިވެއެވެ. މި މަޝްވަރާތަކުގައި އެމްއެންޑީއެފްއަށް ބޭނުންވާ ލޮޖިސްޓިކްސް އައިޓަމްސް (ޔުނިފޯމް، ބޫޓު، ފީލްޑް ގިއާފަދަ ތަކެތި) ހޯދުމާ ބެހޭގޮތުންނާއި ސިފައިންގެ ކޯޕަރޭޓް ޔުނިޓްތައް ކަމުގައިވާ ސިފްކޯ އަދި ސިވެކްއާއެކު ގުޅުން ގާއިމްކުރުމާ ބެހޭގޮތުން ވެސް މަޝްވަރާކުރެއްވިއެވެ.