އިންޑިއާގެ ފިލްމުތަކަށް ޑިސްކޯ ތައާރަފު ކޮށްދިން މިއުޒިކް ކޮމްޕޯޒާ އަލޯކޭޝް ލަހިރީ ނުވަތަ އާންމު ނަމުން ނަމަ ބައްޕީ ލަހިރީ ރޭ ދަންވަރުގެ ވަގުތެއްގައި މަރުވެއްޖެއެވެ.

އުމުރުން 69 އަހަރުގައި ލަހިރީ މި ދުނިޔެ ދޫކުރީ، ކްރިޓިކެއާ ހޮސްޕިޓަލުގައި ކަމަށް ހަބަރު ލިބެއެވެ.

މަހެއްހާ ދުވަހު ހޮސްޕިޓަލުގައި ފަރުވާ ދިނުމަށް ފަހު ލަހިރީ ގެއަށް ފޮނުވާލީ ހޯމަ ދުވަހުއެވެ. އަދި އަންގާރަ ދުވަހު ހާލަތު ދެރަވާން ފެށުމުން ގެއަށް ޑޮކްޓަރަކު ގެންދިޔަ ކަމަށާ، އެއަށް ފަހު އަނެއްކާވެސް ހޮސްޕިޓަލަށް ގެންދިޔައީ ކަމަށް މައުލޫމާތު ލިބެއެވެ.

ކްރިޓިކެއާ ހޮސްޕިޓަލުގެ ޑައިރެކްޓަރު ޑރ ދީޕަކު ނާމްޖޯޝީއާ ހަވާލާދީ އިންޑިއާގެ މީޑިއާއިން ރިޕޯޓް ކޮށްފައި ވާ ގޮތުގައި، ސިއްހީ ގިނަ މައްސަލަތަކެއް ލަހިރީ ދިޔައީ ތަހައްމަލު ކުރަމުންނެވެ. އަދި ލަހިރީ މަރުވީ އޮބްސްޓްރަކްޓިވް ސްލީޕް އެޕްނިއާ (އޯއެސްއޭ) ގެ ސަބަބުން ކަމަށްވެސް ޑރ ނާމްޖޯޝީ ވިދާޅުވި ކަމަށް ހަބަރު ލިބެއެވެ.

1970 އިން ފެށިގެން 90 ގެ އަހަރުތަކުގައިވެސް މިއުޒިކް ޗާޓުތަކުގެ ކުރިން ޖާގަ ހޯދި ގިނަ ލަވަތަކެއް ގެނެސްދިން ލަހިރީގެ ފާހަގަ ކޮށްލެވޭ ބައެއް މަސައްކަތްތަކުގެ ތެރޭގައި "ޗަލްތޭ ޗަލްތޭ"، "ޑިސްކޯ ޑާންސާ" އަދި "ޝަރާބީ" ހިމެނެއެވެ.

ލަހިރީގެ މަސައްކަތެއް އެންމެ ފަހުން ފެނުނީ 2020 ވަނަ އަހަރުގެ ފިލްމު "ބާގީ 3" އިންނެވެ. ސްކްރީނުން އެންމެ ފަހުން އޭނާ ފެނުނީ އިންޑިއާގެ މަގުބޫލު ޓީވީ ސީރީޒް "ބިގް ބޮސް 15" އިން، އޭނާގެ ކާފަ ދަރިފުޅުގެ އާ ލަވަ، "ބައްޗާ ޕާޓީ" ޕްރޮމޯޓް ކުރާތީއެވެ.

އެޑިޓް ކުރީ: އަލީ ޝަމްޢާން