ސްޕެޝަލް ކޮންސްޓެބިއުލަރީގެ ހިދުމަތް ހޯދައި ލިބިގަތުމަށްޓަކައި މާލެ ސިޓީ ކައުންސިލުން ދިވެހި ފުލުހުންނާއެކު އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފިއެވެ.

ސިޓީ ކައުންސިލުން ބުނީ މި އެއްބަސްވުމާއިއެކު ދިވެހި ފުލުހުންގެ ހިދުމަތާއި މާލެ ސިޓީ ކައުންސިލް ގުޅިގެން މާލެ ސިޓީގެ މުނިސިޕަލް ހިދުމަތްތައް ދިނުމުގެ އުސޫލުތައް ހަރުދަނާ ކުރެވިގެން ދާނެ ކަމަށެވެ. އެގޮތުން އެ އެއްބަސްވުމުގެ ދަށުން މާލެ އާއި ވިލިމާލޭގެ މަގުތަކާއި ޕާކުތަކާއި މައިދާންތަކުގެ އިތުރުން ޕޭވްމަންޓްމަތީގައި ނުވަތަ އާންމު ތަންތަނުގައި ގަވާއިދާއި ހިލާފަށް ތަކެތި ބަހައްޓާ ފަރާތްތައް ހޯދައި އެފަރާތްތަކާއިމެދު ފިޔަވަޅު އެޅުމާއި އެފަދަ ފަރާތްތަކުގެ މައުލޫމާތު ދެނެގަތުމުގައި ކައުންސިލަށް ފަސޭހަވެގެންދާނެ ކަމަށްވެސް އެ ކައުންސިލުން ބުނެއެވެ.

މާލެ ސިޓީގެ މަގުތަކާއި ހުސްބިންތަކާއި ޕާކުތައް އަދި މައިދާންތަކާއި ވިޔަފާރިކުރާ ސަރަހައްދުތަކުގައި ހުއްދަ ނުނަގައި ހިންގާ ކަންކަން ބަލައި އެފަދަ ކަންކަން ހުއްޓުވުމަށްޓަކައި އެފަރާތްތަކުގެ މައުލޫމާތު ފުލުހުންގެ ފަރާތުން ކައުންސިލާއި ހިއްސާކުރާނެ ކަމަށާއި އަދި އެފަދަ ފަރާތްތަކާއިމެދު އަޅަންޖެހޭ ފިޔަވަޅުތައް ފުލުހުން އަޅާނެ ކަމަށްވެސް ސިޓީ ކައުންސިލުން ވަނީ ބުނެފައެވެ.

މި އެއްބަސްވުމުގެ ސަބަބުން މާލެ ސިޓީގެ ރައްޔިތުންގެ އެންމެބޮޑު ޝަކުވާ ކަމަށްވާ ކުނީގެ މައްސަލައަށްވެސް ބޮޑު ހައްލެއް ލިބިގެންދާނެ ކަން ފާހަގަކޮށް ކައުންސިލުން ބުނީ މާލެ ސިޓީގެ މަގުތަކާއި އެނޫންވެސް ތަންތަނަށް ކުނިއަޅާ ފަރާތްތަކުގެ އަމަލުތައް ހުއްޓުވާ ކުނިއަޅާ ފަރާތްތައް ދެނެގަނެ އެފަރާތްތައް ޖޫރިމަނާ ކުރުމުގެ ގޮތުން ދޭންޖެހޭ ލިޔުންތައް ދިނުމާއިއެކު އެފަރާތްތަކުގެ މައުލޫމާތު ފުލުހުން މާލެ ސިޓީ ކައުންސިލާއި ހިއްސާކުރަމުން ދާނެ ކަމަށެވެ.

ސްޕެޝަލް ކޮންސްޓެބިއުލަރީގެ ހިދުމަތް ދިނުމަށް ވެވުނު އެއްބަސްވުމުގައި މިއަދު ސޮއިކުރެވުނު ނަމަވެސް މި ހިދުމަތް ފެށުމަށްޓަކައި މިކަމަށް ފުލުހުން ތަމްރީންކޮށް ހެދުމަށް ގާތްގަނޑަކަށް ތިންމަސްދުވަސް ހޭދަވާނެ ކަމަށް ފުލުހުން ބުނެއެވެ. އެހެން ކަމުން ފުލުހުންގެ ހިދުމަތުން ވާންޖެހޭ ތައްޔާރީތައް ނިނުމުނުހާ އަވަހަށް މާލެ ސިޓީގެ ރައްޔިތުންނަށް ސްޕެޝަލް ކޮންސްޓެބިއުލަރީގެ ހިދުމަތް ދޭން ފަށާނެއެވެ.

މާލެ ސިޓީ ކައުންސިލްގެ އެދުމުގެ މަތިން ފުލުހުން ފަރާތުން ތައްޔާރުކޮށް ހުށަހަޅާފައިވާ މާލެ ކޮމިއުނިޓީ މޮނިޓަރިން ސްޕެޝަލް ކޮންސްޓެބްލަރީ ހިދުމަތުގެ ޕްރޮޕޯސަލްގައި ހިމެނިފައިވާ ބަޖެޓް ފާސްކުރުމަށް އެދި މާލެ ސިޓީ ކައުންސިލްގެ 4 ވަނަ ދައުރުގެ 32 ވަނަ އާންމު ޖަލްސާގައި ހުށައެޅި ހުށައެޅުމަށް، ޖަލްސާގައި ބައިވެރިވެ ވަޑައިގަތް ކައުންސިލަރުންގެ އިއްތިފާގުން ވަނީ ފާސްކޮށްފައެވެ. އަދި އެ ހިދުމަތަށް ބޭނުންވާ ބަޖެޓް ހަމަޖައްސާނީ މާލެ ސިޓީކައުންސިލުން ކަމަށް ވެސް ވަނީ ނިންމާފައެވެ.