އެމްއެމްޕީއާރްސީގެ ހިޔާނާތާ ގުޅުވާ، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ، (އެމްއެމްއޭ)ގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓު (އެފްއައިޔޫ)ގެ ކުރީގެ އިސްވެރިޔާ މ. އާސްތާނާ، އިބްރާހިމް އާތިފު ޝަކޫރަށް ކުރާ ދައުވާގެ ދިފާއީ ހެއްކެއްގެ ގޮތުން ކުރީގެ އޮޑިޓާ ޖެނެރަލް ނިޔާޒް އިބްރާހިމްގެ ނަން ހުށައަޅަފިއެވެ.

ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވި ޝަރީއަތުގެ އަޑުއެހުމުގައި އާތިފްގެ ފަރާތުން ވަނީ ދިފާއުގައި ހަތަރު މީހެއް، ހެކިންގެ ގޮތުގައ ހުށައަޅާފައެވެ. އޭގެ ތެރޭގައި ނިޔާޒް އިބްރާހިމްގެ އިތުރުން ދެން ހުށައަޅާފައި ވަނީ ޔަމީން އާދަމްއާއި އަހްމަދު އައްސަދު އަދި އަބްދުالله އަޝްރަފް ނަމަކަށް ކިޔާ މީހެކެވެ.

އާތިފުގެ މައްޗަށް ދައުލަތުން ދައުވާ ކުރީ އެފްއައިޔޫގެ އިސްވެރިޔާގެ މަގާމުގައި އޭނާ ހުންނެވި އިރު އެމްއެމްޕީއާރްސީގެ ޗެކަކުން އެސްއޯއެފް ކުންފުނީގެ އެކައުންޓަށް ގިނަ އަދަދެއްގެ ފައިސާ ޖަމާ ކުރި، ޝައްކު ކުރެވޭ މުއާމަލާތެއް ރިޕޯޓު ނުކުރުމުންނެވެ. އާތިފް ވިދާޅުވީ މަގާމާ ހަވާލުވެ އޭނާއާ ހަވާލުކުރި މަސްއޫލިއްޔަތުތައް އިނގޭ ވަޒީފާ ބަޔާނުގައިވާ ގޮތުން ކަންކަން ރިޕޯޓް ކުރަން ޖެހެނީ އެމްއެމްއޭގެ ގަވަރުނަރަށް ކަމަށާއި އެކަން އޭނާ ކުރިން ކަމަށެވެ.

ނޮވެމްބަރު 25، 2014 ގައި ކުރި އެ މުއާމަލާތުގައި އެސްއޯއެފްގެ އެކައުންޓަށް ޖަމާ ކުރީ 59.45 މިލިއަން ރުފިޔާއެވެ. އެ މުއާމަލާތަކާ ގުޅިގެން ބީއެމްއެލްއިން ސަސްޕިޝަސް ޓްރާންސެކްޝަން ރިޕޯޓް (އެސްޓީއާރް) އެއް އެފްއައިޔޫއަށް ފޮނުވުމުން އެ މުއާމަލާތް ބަލައި، އެ މުއާމަލާތުގައި މަނީ ލޯންޑަރިންއަށް ޝައްކު ކުރެވޭ ކަންކަން ހުރި ކަމަށް ބެލެވޭކަން އެފްއައިޔޫއަށް އެނގެން އޮއްވާ، އެ ޔުނިޓުން އެކުލަވާލި ރިޕޯޓުގައިވާ މައުލޫމާތު ތަހުގީގު ކުރާ އިދާރާއަކަށް ފޮނުވާފައެއް ނުވެއެވެ.

އާތިފު އެފްއައިޔޫގައި މަސައްކަތް ކުރެއްވީ 2014 ވަނަ އަހަރުގެ ނޮވެމްބަރުން ފެށިގެން، 2015 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ. އަދި 2015 ވަނަ އަހަރުގެ ޖޫން މަހު، އޭނާ އިސްތިއުފާ ދެއްވީ، އޭރު އެފްއައިޔޫގައި ހިނގަމުން ދިޔަ ކޮރަޕްޝަންގެ އަމަލުތައް ނުހުއްޓުވޭނެ ކަމުގެ ޔަގީން ކަން ލިބިވަޑައިގަތުމުން، އެފަދަ މަގާމެއްގައި ހުންނަވައިގެން، މަގާމުގެ މަސްއޫލިއްޔަތު އަދާ ނުކުރެއްވޭނެތީ، އެފަދަ ވަޒީފާއަކުން މުސާރަ ނުނެންގެވުމަށް ކަމަށް "ދަޕްރެސް" އަށް މީގެކުރިން އާތިފު ވަނީ ވިދާޅުވެފައެވެ.