މާލޭ ޖަލުގައި ގައިދީންނާއި ބަންދުމީހުންނަށް އޮންލައިންކޮށް ޝަރީއަތްތަކުގައި ބައިވެރިވެވޭގޮތަށް ހާއްސަކޮށްފައިވާ 3 ކޯޓް ރޫމް މިއަދު ބޭނުންކުރަން ފަށައިފިވެ.
މިއަދު މާލޭ ޖަލުގައި ބޭއްވި ރަސްމިއްޔާތުގައި ކޯޓް ރޫމްތައް ހުޅުއްވައިދެއްވީ ކޮމިޝަނާ އޮފް ޕްރިޒަންސް އަހުމަދު މުހައްމަދުފުޅުއެވެ. މި ރަސްމިއްޔާތުގައި ކޮމިޝަނަރުގެ އިތުރުން ޑެޕިއުޓީ ކޮމިޝަނަރު އޮފް ޕްރިޒަންސް އިބްރާހިމް މުހައްމަދު ދީދީ، އެސިސްޓަންޓް ކޮމިޝަނަރު އޮފް ޕްރިޒަންސް މުހައްމަދު އާސިފް، މާލޭ ޖަލުގެ ޑައިރެކްޓަރު ޑެޕިއުޓީ ސްޕްރިންޓެންޑެންޓް އޮފް ޕްރިޒަންސް މުހައްމަދު ތޮލާލް، ކޮމިޝަންޑް އޮފިސަރުންނާއި އެ ޖަލުގެ އޮފިސަރުން ބައިވެރިވިއެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އަހުމަދު ވިދާޅުވީ މާލެ ޖަލުގައި މިއަދު ބޭނުންކުރަން ފެށުނު 3 ކޯޓް ރޫމުގެ ސަބަބުން މަސައްކަތްތަކަށް ވަރަށް ބޮޑު ކުރިއެރުމެއް ލިބިއްޖެ ކަމަށެވެ. އަދި ކޮވިޑް 19ގެ ބަލިމަޑުކަމާއެކުވެސް ގިނަ މަސައްކަތްތަކެއް އޮންލައިންކުރަން މަޖްބޫރުކުރަންޖެހިފައިވާ ވުމާއެކު ހާއްސަކޮށް ރާއްޖެކަހަލަ ގައުމެއްގައި އެކިއެކި ތަންތާނުގައި ތިބެގެން ޝަރީއަތް ހިންގޭނެ އިންތިޒާމްތައް ހަމަޖެއްސުމަށްޓަކައި ވަރަށް ގިނަ މަސައްކަތްތައް މިދިޔަ އަހަރުވެސް ކުރެވުނު ކަމަށް އަހުމަދުގެ ވާހަކައިގައި ފާހަގަކުރެއްވިއެވެ.
ކަރެކްޝަންސްގެ ބެލުމުގެ ދަށުގައި އަބަދުވެސް ޝަރީއަތް ނިމެންދެން ގިނަ އަދަދެއްގެ މީހުން ބަންދުކޮށްފައި ބައިތިއްބަންޖެހޭ ކަމަށާއި މިއަދުވެސް 298 މީހުން ބަންދުކުރަން ޖެހިފައިވާކަމަށް ފާހަގަކުރައްވާ އަހުމަދު ވިދާޅުވީ މީގެ ތެރެއިން 80 އެތަށް މައްސަލައަކީ މެޖިސްޓްރޭޓް އަދި އަތޮޅުތަކާ ގުޅޭ މައްސަލަތައް ކަމަށެވެ. އެހެންކަމުން އެ މީހުން އެއްތަނުން އަނެއްތަނަށް އުފުލުމަކީ ތަކުލީފު އަދި ހަރަދު ބޮޑު ކަމެއް ކަމަށާއި މި ކޯޓް ރޫމްތަކުގެ ސަބަބުން މި މަސައްކަތަށް ވަރަށް ބޮޑެތި ލުއިތަކެއް ލިބިގެންދާނެ ކަމަށް އަހުމަދު ވިދާޅުވިއެވެ.