ހަތް ކާރު އެއްފަހަރާ މުޑިއަރައި، މާލެއާއި ހުޅުމާލެ ގުޅާލާ ހައިވޭގައި އެކްސިޑެންޓެއް ވެއްޖެއެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯއަކުން ފެންނަ ގޮތުގައި ހައިވޭގެ މެދަކާ ހިސާބުން އެއް ކާރު އަނެއް ކާރުގައި ޖެހި މުޑިއަރައި އެކްސިޑެންޓުވުމުގެ ސަބަބުން ހަތް ކާރުވެސް މަޑުކޮށްގެން އެބަ އޮތެވެ.

މީޑިއާތަކަށް ދިން މައުލޫމާތުގައި ފުލުހުން ބުނީ، ހައިވޭގައި ހަތް ކާރެއް ޖެހި އެކްސިޑެންޓެއް ހިނގާފައިވާ ކަމުގެ މައުލޫމާތު ރޭ 9:05 ހާއިރު ލިބިފައިވާ ކަމަށެވެ.

އެ އެކްސިޑެންޓުގައި ކާރުތަކަށް ގެއްލުންވި ނަމަވެސް، އެއްވެސް މީހަކަށް އަނިޔާނުވާ ކަމަށާއި، ކާރު ދުއްވި އެންމެން އަތުގައިވެސް ލައިސަންސް އޮތްކަމަށް ފުލުހުން މައުލޫމާތު ދީފައިވެއެވެ.

އަދި މި ހާދިސާ އާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށްވެސް ފުލުހުން ބުންޏެވެ.

މީގެ ކުރިންވެސް ސިނަމާލެ ބްރިޖް ސަރަހައްދުގައި އެކްސިޑެންޓުތައް އެކިފަހަރު މަތިން ހިނގާފައިވާއިރު، އަހަރު ފެށުނު ދުވަހުވެސް ތިން އެކްސިޑެންޓެއް ހިނގާފައިވެއެވެ. ނަމަވެސް އޭގެން އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވެއެވެ.