މި އަހަރުގެ ޖެނުއަރީ މަހު ރާއްޖެއަށް އިމްޕޯޓް ކުރި މުދަލުގެ މިންވަރު އަދި އެކްސްޕޯޓް ކުރި މުދަލުގެ މިންވަރު މައްޗަށް ހިނގައްޖެއެވެ.
ކަސްޓަމްސް އިން އާންމުކުރި މި ދިޔަ މަހުގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ އަހަރުގެ ޖެނުއަރީ މަހު ރާއްޖެއަށް 2.8 ބިލިއަން ރުފިޔާގެ މުދާ އިމްޕޯޓު ކޮށްފައި ވެއެވެ. އަދި މި އަހަރުގެ ޖެނުއަރީ މަހު ރާއްޖެއަށް އިމްޕޯޓް ކޮށްފައި ވަނީ 4.2 ބިލިއަން ރުފިޔާގެ މުދަލެވެ. އެއީ މިދިޔަ އަހަރުގެ ޖެނުއަރީ މަހާ އަޅާބަލާއިރު 49 ޕަސަންޓްގެ އިތުރު ވުމެކެވެ.
މިދިޔަ އަހަރުގެ ޖެނުއަރީ މަހު ރާއްޖެ އެތެރެ ކުރި މުދަލުން ދައުލަތަށް އާމްދަނީގެ ގޮތުގައި 240 މިލިއަން ރުފިޔާ ލިބިފައި ވާއިރު މި އަހަރުގެ ޖެނުއަރީ މަހު ދައުލަތަށް ލިބިފައި ވަނީ 312 މިލިއަން ރުފިޔާއެވެ. އެއީ މިދިޔަ އަހަރުގެ ޖެނުއަރީ މަހާ އަޅާ ބަލާއިރު 30 ޕަސަންޓު އިތުރު ވުމެކެވެ.
މިދިޔަ އަހަރުގެ ޖެނުއަރީ މަހު ރާއްޖެއިން 375 މިލިއަން ރުފިޔާގެ މުދާ އެކްސްޕޯޓް ކުރި އިރު، މިދިޔަ މަހު އެކްސްޕޯޓް ކޮށްފައި ވަނި 471 މިލިއަން ރުފިޔާގެ މުދަލެވެ. އެއީ މިދިޔަ އަހަރުގެ ޖެނުއަރީ މަހާ އަޅާ ބަލާއިރު 44 ޕަސަންޓް އިތުރު ވުމެކެވެ.
މިދިޔަ މަހު ރާއްޖެއިން އެންމެ ގިނައިން މުދާ ބޭރުކޮށްފައި ވަނީ ތައިލެންޑާއި އިނގިރޭސިވިލާތާއި މޮރިޝަޝްއަށެވެ. އެގޮތުން ތައިލެންޑަށް 54 ޕަސަންޓުގެ މުދާ ބޭރު ކޮށްފައިވާ އިރު، އިނގިރޭސިވިލާތައް ވަނީ 10 ޕަސެންޓު މުދާ ބޭރުކޮށްފައެވެ. އަދި މޮރިޝަޝްއަށް ވަނީ 7 ޕަސެންޓް މުދާ ބޭރުކޮށްފައެވެ.
މި ދިޔަ މަހު ރާއްޖެއަށް އެންމެ ގިނައިން މުދާ އެތެރެ ކޮށްފައި ވަނީ ޗައިނާ، އޮމާން، އިންޑިއާ އަދި ޔޫއޭއީއިންނެވެ. އެއީ ޗައިނާ އިން އެތެރެކުރި 831 މިލިއަން ރުފިޔާގެ މުދަލާއި އޮމާން އިން 572 މިލިއަން ރުފިޔާގެ މުދަލާއި ޔޫއޭއީއިން 480 މިލިއަން ރުފިޔާގެ މުދާގެ އިތުރުން އިންޑިއާއިން އެތެރެ ކުރި 514 މިލިއަން ރުފިޔާގެ މުދަލެވެ.