ދ. ވާނީގައި ހުންނަ ފުލުހުންގެ އެކަޑަމީން ހިންގި 33 ވަނަ ޕޮލިސް އިނީޝިއަލް ޓްރޭނިން ކޯސް ފުރިހަމަކުރި ފުލުހުންނަށް އެވޯޑު ދީފިއެވެ.
ތަމްރީނުވި ފުލުހުންނަށް އެވޯޑު ދިނުމަށްޓަކައި ފުލުހުންގެ އެކަޑަމީގައި ރޭ ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ޖެންޑާ މިނިސްޓަރު އައިޝަތު މުހައްމަދު ދީދީއެވެ. އެ ރަސްމިއްޔާތުގައި ޖެންޑާ މިނިސްޓަރުގެ އިތުރުން، ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އާއި، ކޮމިޝަނަރު މުހައްމަދު ހަމީދާއި، ފުލުހުންގެ އިސްވެރިން ބައިވެރިވެ ވަޑައިގަތެވެ.
އެ ރަސްމިއްޔާތުގައި ކޯހުން އެކި ވަނަވަނައަށް ހޮވުނު ފުލުހުންނަށް އެވޯޑު ދެއްވާފައި ވަނީ ޖެންޑާ މިނިސްޓަރު އައިޝާ އާއި، ހޯމް މިނިސްޓަރު އިމްރާނުގެ އިތުރުން، ސީޕީ ހަމީދެވެ.
އެގޮތުން، އެ ކޯހުގެ އެންމެ މޮޅު ދަރިވަރަކަށް ހޮވުނު ޕޮލިސް ރެކްރޫޓް މުހައްމަދު އިރުޝާދަށް ކޮމިޝަނާ އޮފް ޕޮލިސް އެކްސެލެންސް އެވޯޑް ހަވާލުކޮށްދެއްވާފައިވަނީ ސީޕީ ހަމީދެވެ. އެ އެވޯޑުގެ އިތުރުން، ކޯހުގެ އިންޑޯ މާއްދާތަކުން އެއްވަނަ ދަރިވަރަކަށްވެސް ހޮވުނީ އިރުޝާދެވެ. އައުޓްޑޯ މާއްދާތަކުން އެއްވަނަ ދަރިވަރަކަށް ހޮވުނީ ޕޮލިސް ރެކްރޫޓް ހަސަން ޝާނީޒެވެ.
އޭގެ އިތުރުން، ފުލުހުންގެ ސްކޮޑްތަކުންވެސް ވަކިވަކި ދަރިވަރުންނާއި އެންމެ މޮޅު ސްކޮޑްވެސް ވަނީ ހޮވާފައެވެ. އެ ދަރިވަރުންނާއި އެންމެ މޮޅު ސްކޮޑަކީ:
- އާނެއްލާ ސްކޮޑް: ޕޮލިސް ރެކްރޫޓް މުހައްމަދު އިރުޝާދު
- ބީފާން ސްކޮޑް: ޕޮލިސް ރެކްރޫޓް ހަސަން އިބާދުﷲ
- ހާޖީ ސްކޮޑް: ޕޮލިސް ރެކްރޫޓް އިބްރާހީމް ފަޒީލް
- އެންމެ މޮޅު ސްކޮޑު: އާނެއްލާ ސްކޮޑު
ފުލުހުން ބުނީ 33 ވަނަ ޕޮލިސް އިނީޝިއަލް ޓްރޭނިން ކޯސް 58 ދަރިވަރުން ފުރިހަމަކޮށް ދަސްވެނިވެފައިވާ ކަމަށެވެ.