ފަތުރުވެރިކަމުގެ އަހަރީ އެވޯޑް ނަމުގައި ކޮންމެ އަހަރަކު ވެސް އެވޯޑް ދޭ ގޮތަށް ޓޫރިޒަމް މިނިސްޓްރީން ނިންމައިފިއެވެ.

ޓޫރިޒަމް މިނިސްޓްރީން ބުނީ، ފަތުރުވެރިކަމަށް ހާއްސަ އަހަރީ އެވޯޑްތަކެއް މި އަހަރުން ފެށިގެން ދޭން އެ މިނިސްޓްރީން ނިންމާފައިވާ ކަމަށާއި 6 ދާއިރާއެއް ފާހަގަކޮށް އެވޯޑްތައް ދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ. އެގޮތުން ޓޫރިސްޓް ރިސޯޓް، ޓޫރިސްޓް ހޮޓެލް، ޓޫރިސްޓް ގެސްޓްހައުސް އަދި ޓޫރިސްޓް އުޅަނދު ހިމެނޭހެން، އެވޯޑަށް ކުރިމަތިލުމަށް މި އަހަރުގެ ޖޫނުގައި ހުޅުވާލާނެ ކަމަށް އެ މިނިސްޓްރީން ބުނެއެވެ.

ފަތުރުވެރިކަމުގެ އަހަރީ އެވޯޑުގައި އެވޯޑް ދޭ ދާއިރާތަކަކީ:

  • ސިނާއަތުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ކަންތައްތައް ފަހިކޮށް ދިނުމުން ދޭ 4 އެވޯޑް
  • ދިވެހި ފަންނާނުން ކުރިއެރުވުމަށް މަސައްކަތްކުރާ ފަރާތްތަކަށް ދޭ 3 އެވޯޑް
  • ފަތުރުވެރިކަމުގެ ދާއިރާގައި ދިވެހިން ނަށް ވަޒީފާ ފަހިކޮށް ދިނުމުގެ ގޮތުން ދޭ އެވޯޑް
  • މީހުން ބިނާކުރުމަށް ބާރު އެޅުމަށް ދޭ އެވޯޑް
  • އަންހެނުންނަށް ވަޒީފާ ފަހިކޮށް ދިނުމުގެ ގޮތުން ދޭ އެވޯޑް
  • ދިވެހި އުފެއްދުންތައް ބޭނުންކުރާ ފަރާތްތަކަށް ހާއްސަކޮށްފައިވާ އެވޯޑް

އެ އެވޯޑުތަކަކީ ޓޫރިސްޓް ހިދުމަތްދޭ ތަންތަނުން އަމިއްލައަށް އެވޯޑް ހޯދުމުގައި ބައިވެރިވުމަށް ހުށައެޅުމުން، މިނިސްޓްރީން އިވެލުއޭޓް ކޮށް، އެވޯޑަށް ހޮވޭ ފަރާތްތަކަށް ދޭ އެވޯޑު ތަކެއް ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެއެވެ. ފަތުރުވެރިކަމުގެ ރަން އަހަރާއި ގުޅުވައިގެން މި އަހަރު ދޭން ފަށާ މި އެވޯޑްތައް ކޮންމެ އަހަރަކު ވެސް ދިނުމަށް ވަނީ ހަމަޖެހިފައި ކަމަށް އެ މިނިސްޓްރީން ބުނެއެވެ.