ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހީމްގެ އުފަންދުވަހު އަނބިކަނބަލުން، ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ ލޯބިން ފުރިގެންވާ މެސެޖެއް ދެއްވައިފިއެވެ.

މިއަދު ގާސިމަށް 71 އަހަރު ފުރުނު އިރު އޭނާ އުފަންވެވަޑައިގަތީ ފެބްރުއަރީ 10، 1951 ގައެވެ.

ގާސިމްގެ އުފަންދުވަހުގެ ތަހުނިޔާ ފޮނުއްވާ ނަހުލާ ވިދާޅުވީ ގާސިމަކީ އޭނާގެ ހަޔާތުގައި އެންމެ މުހިންމު އެއް ބޭފުޅާ ކަމަށާއި ދެބޭފުޅުންގެ ބޭފުޅުންނަށް ގާސިމްގެ ވަރުގެ ރަނގަޅު ބައްޕައެެއް ނުލިބޭނެ ކަމަށެވެ. އަދި ނަހުލާ ވަނީ ގާސިމަށް ހެޔޮ ދުއާ ކުރައްވާފައެވެެ. ގާސިމާއި ނަހުލާގެ ކައިވެންޏަށް 6 ބޭފުޅުން ވަނީ ލިބިވަޑައިގެންފައެވެ.

ރާއްޖޭގެ އެންމެ މަޝްހޫރު ވިޔަފާރިވެރިންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ވިލާ ގުރޫޕްގެ ޗެއާމަން، ގާސިމްގެ 4 އަނބިކަނބަލުން މިހާރު ވެސް ތިއްބެވި އިރު ޖުމްލަ 14 ބޭފުޅުން ވަނީ ލިބިވަޑައިގެންފައެވެ.

ނަހުލާއާ ކައިވެނި ބައްލަވައިގެންނެވި ފަހުން ގާސިމް ވަނީ ކައިވެންޏެއް ބައްލަވައިގެންފައެވެ. ނަމަވެސް ގާސިމްގެ އަރިހުގައި ސިޔާސީ މައިދާނުގައި ހަރަކާތްތެރިވެ ވަޑައިގަންނަވާ ހަމައެކަނި އަނބިކަނބަލަކީ ނަހުލާއެވެ.