ގއ. ދާންދޫގައި އުމުރުން ދުވަސްވީ މީހެއްގެ ގަޔަށް ކޮވިޑް ވެކްސިންގެ 4 ވަނަ ޑޯޒު ޖަހައިފިއެވެ.

"ދަ ޕްރެސް" އަށް އެކަން ދާންދޫ ކައުންސިލްގެ ރައީސް މުހައްމަދު އާސިފް ވަނީ ޔަގީންކޮށް ދެއްވާފައެވެ.

އާސިފް ވިދާޅުވީ ވެކްސިންގެ 4 ވަނަ ޑޯޒް ޖަހާފައި ވަނީ އުމުރުން 80 އަހަރުގެ އަންހެނަކަށް ކަމަށެވެ. އެމީހާގެ ގަޔަށް އެ ޑޯޒް ޖެހީ އިއްޔެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އާސިފް ވިދާޅުވީ 4 ވަނަ ޑޯޒް ޖެހުމާ ގުޅިގެން މިހާރު އެމީހާ އެރަށު ސިއްހީ މަރުކަރުގައި އޮބްޒާވް ކުރަން ބާއްވާފައިވާ ކަމަށާއި އަދި އެމީހާގެ ހާލު ރަނގަޅު ކަމަށެވެ.

މަރުކަރުގެ މުވައްޒަފުން އެފަދަ ކަމެއް ގަސްތުގައި ނުކުރާނެ ކަމުގެ ޔަގީންކަން އޮތް ކަން ފާހަގަ ކުރައްވާ އަސިފް ވިދާޅުވީ މިކަމަކީ އޮޅުމަކުން ކުރެވުނު ކަމެއް ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ.

އެކަމާ ގުޅިގެން "ދަ ޕްރެސް" އަށް މައުލޫމާތު ދެއްވަމުން ހެލްތް މިނިސްޓްރީގެ ޑެޕިއުޓީ ޑިރެކްޓާ ޖެނެރަލް ތަސްލީމާ އުސްމާން ވިދާޅުވީ ވެކްސިންގެ ހަތަރު ވަނަ ޑޯޒް މީހެއްގެ ގަޔަށް ޖެހި މައްސަލަ ސިއްހީ އިދާރާތަކާ ގުޅިގެން ބަލަމުންދާ ކަމަށެވެ.

އަދި ސިއްހީ ހިދުމަތްދޭ ތަންތަނާ އެކު މަސައްކަތް ކުރަނީ ބަލަން ޖެހޭ ކަންކަމާއި ދޭން ޖެހޭ އިރުޝާދުތަކަށް އަދި ކަންކަން ކުރިއަށް ގެންދާނެ ގޮތާ ގުޅޭގޮތުން ކަމަށް ތަސްލީމާ ވިދާޅުވިއެވެ.

ރާއްޖޭގައި މިވަގުތު ޖަހަމުން ދަނީ ކޮވިޑް-19ގެ ވެކްސިންގެ ތިން ވަނަ ޑޯޒެވެ.