ރ. ކިނޮޅަސް ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫއުގެ މަސައްކަތް ހުއްޓުމެއް ނެތި ކުރިއަށްދާ ކަމަށް އެމްޓީސީސީއިން ބުނެފިއެވެ.

އެމްޓީސީސީއިން ބުނީ ކޮނޮޅަހު ބަނދަރު މަޝްރޫއުގެ ދަށުން ކުރިއަށްދަނީ މިހާރު ހުރި އެއްގަމުތޮށި ތަޅާލުމުގެ މަސައްކަތާއި ހާބާ ބޭސިން ފުންކުރުމުގެ މަސައްކަތް ކަމަށެވެ.

އެ މަޝްރޫއުގެ ދަށުން ބަނދަރު ފުންކުރުމާއި 162 މީޓަރުގެ ސަރަޙައްދެއްގައި ގްރޮއިންސް ޖެހުމާއި 285 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމާއި 65 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުން ހިމެނެއެވެ.

މީގެ އިތުރުން 186 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުމާއި ރޭމްޕެއް ހަރުކުރުމާއި 1663.36 އަަކަ މީޓަރުގެ ސަރަޙައްދެއްގައި ޕޭވްމަންޓް ހެދުމާއި ނެރުބައްތި ހަރުކުރުމާއި ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތް އެ މަޝްރޫއުގެ ދަށުން ކުރިއަށްދާނެ ކަމަށް އެމްޓީސީސީއިން ވަނީ ބުނެފައެވެ.

އެ މަޝްރޫއަކީ ޕްލޭނިން މިނިސްޓްރީއިން އެމްޓީސީސީއާ ހަވާލުކޮށްގެން 45.1 މިލިއަން ރުފިޔާއަށް ކުރިއަށްގެންދާ މަޝްރޫއެކެވެ.