ދަށް އަދި މެދު ފަންތީގެ އާމްދަނީ ލިބޭ ގައުމުތަކަށް ބޭނުންވާ ޓެސްޓާ، ފަރުވާގެ އިތުރުން ވެކްސިން ފޯރުކޮށްދިނުމަށް އިސް ނަގައިގެން، ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) ގެ ބަލިމަޑުކަމަށް ނިމުން ގެނައުމަށް، ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން، ދުނިޔޭގެ މުއްސަނދި ގައުމުތަކަށް ގޮވާލައިފިއެވެ.
ދުނިޔޭގެ އެންމެ މުއްސަނދި 55 ގައުމުގެ ކިބައިން ޑަބްލިއުއެޗްއޯއިން މިއަދު އެދިފައި ވަނީ 23 ބިލިއަން ޑޮލަރުގެ ފަންޑަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށެވެ.
މައުލޫމާތު ލިބޭ ގޮތުގައި، މި ފައިސާ ދާނީ އެކްސެސް ޓޫ ކޮވިޑް-19 ޓޫލްސް (އެކްޓް) އެކްސެލެރޭޓާ ޕްރޮގްރާމަށެވެ. މިއީ ޓެސްޓާއި ފަރުވާ އަދި ވެކްސިން، ތަރައްގީކޮށް އިންސާފުން ފޯރުކޮށްދިނުމަށް ބައިނަލްއަގުވާމީ ފެންވަރުގައި އެކުލަވާފައިވާ މަޝްރޫއެކެވެ.
ޑަބްލިއުއެޗްއޯއިން އާންމު ކުރި ބަޔާނަކާ ހަވާލާދީ ބައިނަލްއަގުވާމީ މީޑިއާއިން ރިޕޯޓް ކުރާ ގޮތުގައި މިކަމަށް އެހީތެރިކަން ފޯރުކޮށްދިނުމަކީ ވައިރަސް ފެތުރުން ކުޑަކޮށް، ވޭރިއަންޓްތައް އުފެދެމުންދާ ސައިކަލް މެދުކަނޑުވާލުމުގެ އިތުރުން، ބުރަޖެހިފައި ވާ ސިއްހީ ނިޒާމުތަކަށް ހިންދެމިލާނެ ފުރުސަތު ލިބި، ފުރާނަ ސަލާމަތް ކުރުމަށް ކޮށިގެންދާނެ މަކެވެ.
ފަސްޖެހެމުން ދާ ކޮންމެ މަހަކީ، އެސީޓީ އެކްސެލަރޭޓަރަށް ބޭނުންވާ މިންވަރުގެ 4 ގުނަ، ދުނިޔޭގެ އިގުތިސޯދުން އުނިވެގެން ދާ މަހެއް ކަމަށް މައުލޫމާތު ލިބެއެވެ.
ކޮވިޑް-19ގެ ބަލިމަޑުކަމާ ގުޅިގެން މުއްސަނދި އަދި ފަގީރު ގައުމުތަކުގެ މެދުގައި ބަލިމަޑުކަން އޮތް ހާލަތުވެސް އިންތިހާ ތަފާތެވެ. ދަށް ފަންތީގެ އާމްދަނީ ލިބޭ ގައުމުތަކުން 1 ޑޯޒްގެ ވެކްސިން ޖަހާފައި ވަނީ އެންމެ 10 ޕަސެންޓް މީހުން ކަމަށް ވާއިރު، މުއްސަނދި ގައުމުތަކުގައި މި އަދަދު އޮތީ 68 ޕަސެންޓްގައެވެ. މީގެ އިތުރުން ދުނިޔޭގެ އެކި ކަންކޮޅުތަކުން މިހާތަނަށް 4.7 ބިލިއަން ކޮވިޑް ޓެސްޓު ހަދާފައި ވާ އިރު، ދަށް ފަންތީގެ އާމްދަނީގެ އާމްދަނީ ލިބޭ ގައުމުތަކުގައި ހަދާފައި ވަނީ މީގެ ތެރެއިން އެންމެ 22 މިލިއަން ޓެސްޓު ކަމަށް މައުލޫމާތު ލިބެއެވެ. ޖުމުލަ ޓެސްޓުގެ އެންމެ 0.4 ޕަސެންޓެވެ.