ޕެޓް މާސްޓާ މޯލްޑިވްސް އިން ވިޔަފާރި އުސޫލުން ވިއްކުމަށް ރާއްޖެއަށް އެތެރެ ކުރި ދޫނިތައް ނައްތާލުމުގެ ކުރިން އެތެރެ ކުރި ފަރާތަށް އެންގުމުން ވެސް އެފަރާތުން އަޅާނުލި ކަމަށާއި އިތުރު ގޮތްގޮތް ބަލައި ގޮތެއް ނުފެނުމުން އެތަކެތި ނައްތާލަން ޖެހުނީ ކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެފިއެވެ.
ވިއްކަން ރާއްޖެ އެތެރެ ކުރި ދޫނިތައް ނައްތާލި މައްސަލަ ހޫނުވެފައި ވާ މިދަނޑިވަޅުގައި މިހާރު އެ މައްސަލަ ވަނީ ރައްޔިތުން މަޖިލީހަށް ވެސް ވައްދާފައެވެ. ހަމައެއާއެކު އެ މައްސަލައިގައި ދޫނިތައް އެތެރެކުރި ފަރާތުން މިއަދު ހަވީރު ސުލްހަވެރި އިހުތިޖާޖެއް ކުރުމަށް ވެސް ވަނީ ނިންމާފައެވެ. މި މައްސަލައާ ގުޅިގެން ދޫނިތައް ނައްތާލުމުން އެތައް ބައެއްގެ ފާޑުކިޔުން ވަނީ ފިޝަރީޒް މިނިސްޓްރީއަށް އަމާޒުވެފައެވެ.
'ދަ ޕްރެސް' އަށް މައުލޫމާތު ދެމުން އެ މިނިސްޓްރީގެ އޮފިޝަލެއް ވިދާޅުވީ، ރާއްޖެ އެތެރެކުރާ ގަސްގަހާއި ޖަނަވާރު އަދި ދޫނިތަކުގެ ތެރެއިން އެތެރެ ކުރުން މަނާ ތަކެއްޗާއި ނުވަތަ ބަލިޖެހިފައިވާ ތަކެއްޗަކީ މީގެ ކުރިން ވެސް ނައްތާލާ ތަކެތި ކަމަށާއި ނަމަވެސް މި ފަހަރު ދޫނިތައް ނައްތާލުމުގެ ކުރިން އިތުރު އޮޕްޝަނެއް އޮތްތޯ ބަލައި އެތަކެތި ނައްތާލާފައި ވަނީ އިތުރު ގޮތެއް ނެތުމުން ކަމަށެވެ. އެ ގޮތުން ގިނަ ދޫނިތަކެއް ނައްތާލި އިރު ހަތަރު ޝިޕްމަންޓެއްގެ ދޫނި ހިމެނޭ ކަމަށާއި އެގެތެރޭގައި އެ ވިޔަފާރި ކުރާ ބައެއްގެ ބޮޑު ޝިޕްމަންޓެއް ނައްތާލާފައިވާ ކަމަށް އެ މިނިސްޓްރީން ބުނެއެވެ.
ދޫނިތައް ނައްތާލުމުގެ ކުރިން އެ ދޫނި އިމްޕޯޓް ކުރި ފަރާތަށް އެކަން އަންގާފައިވާނެ ކަމަށާއި އަދި އޭގެ ކުރިން ވެސް އެ ދޫނިތައް ގެނައި ގައުމަށް އަންބުރާ ފޮނުވާލުމުގެ ފުރުސަތު އިމްޕޯޓް ކުރިން ކުންފުންނަށް ދިން ކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެއެވެ. ނަމަވެސް އެ ފުރުސަތު އެފަރާތުން ބަލައިނުގަތް ކަމަށާއި އެ ކަން ކުރުމަކީ ވެސް ވަރަށް ބޮޑު ހޭދައެއް ކުރަންޖެހޭނެ ކަމެއް ކަމުން އެކަން އެހެން ކުރެވެން ނެތުމުން ދެން އެޓާނީ ޖެނެރަލްގެ ލަފާ ހޯދީ ކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެއެވެ.
އެޓާނީ ޖެނެރަލްގެ ލަފައަށް އެހުމުން ޖަވާބު ލިބުނީ ދެމަސް ފަހުން!
ރާއްޖެއަށް އެތެރެކުރުން މަނާ ދޫނީގެ އާ ލިސްޓެއް މިދިޔަ ޑިސެމްބަރު މަހު އާންމު ކުރި އިރު ޕެޓް މާސްޓާ އިން އެ ދޫނިތައް އެތެރެ ކޮށްފައި ވަނީ އެ ލިސްޓު އާންމު ކުރުމުގެ ކުރިންނެވެ. ފިޝަރީޒް މިނިސްޓްރީން ބުނީ، މީގެ ކުރިން އެތެރެ ކުރުން މަނާ ދޫނީގެ ލިސްޓުގައި ހިފެހެއްޓި ދޫނިތައް ހިމެނޭ ކަމަށާއި އެހެންކަމަުން ލިސްޓް މުރާޖާ ކުރި އިރު އެ ލިސްތުގައި ހިފެހެއްޓި ބާވަތުގެ ދޫނިތައް ހިމަނާފައި ނެތުމަކީ އޭޖީގެ ލަފައަށް އެދެނެން ޖެހުނު ސަބަނު ކަމަށް ފިޝަޒީރުން ބުނެއެވެ.
ލަފައަށް އެދުމުން އޭޖީން ޖަވާބު ދިނުމަށް ދެމަހެއްހާ ދުވަސް ނެގި ކަމަށާއި، ކުރިން ލިސްޓުގައި އެތެރެކުރުން މަނާ ކަމަށް ބުނާ ދޫނިތަކެއް ކަމަށް ވުމުން އެފަދަ ދޫނިތަކާމެދު އަމަލު ކުރުމަށް ގަވާއިދުގައި ބުނާ ގޮތަށް އަމަލު ކުރުމަށް އޭޖީން ލަފާ ދިން ކަމަށް ފިޝަރީޒުން ބުނެއެވެ.
ދޫނިތައް ނައްތާނުލައި ވޭތޯ މަސައްކަތް ކުރުމަށް އިދާރާތަކާ ވަހަކަ ދެއްކި ކަމަށާއި އަދި އެ ދޫނީތައް ދިގު މުއްދަތަކަށް ބަލަހައްޓާ ގެންގުޅޭވޭނެ ގޮތްތަކެއް ހޯދަން ވެސް މަސައްކަތްތަކެއް ކުރުމުން ވެސް އެކަން ކާމިޔާބު ނުވި ކަމަށް ފިޝަރީޒުން ބުނެއެވެ. އެ ގޮތުން އެންވާރަމަންޓް މިނިސްޓްރީގައި ވެސް އެކަމަށް އެދިފައި ވާނެ ކަމަށާއި އެފަދަ ދޫނިތައް ބަހައްޓަން ފަޅު ރަށެއް ވިޔަސް ހަމަޖައްސައި ދިނުމަށް އެދިގެން އެކަން ވެސް ކާމިޔާބު ނުވި ކަމަށް އެ މިނިސްޓްރީން ބުނެއެވެ.
އިމްޕޯޓަރުން ހަވާލެއް ނުވި، ސެންކްޗުއަރީއެއް ގާއިމް ނުކުރެވުނު، ދެން ޖެހުނީ ނައްތާލަން!
އަބަދުވެސް އުސޫލެއްގެ ގޮތުގައި މިފަދައިން އެތެރެ ކުރާ ޖަވަނާރާއި ދޫނި އަދި ގަސްތައް ނައްތާލަމުން ގޮސްފައިވާ ކަމަށް ފިޝަރީޒުން ބުނެއެވެ. ރާއްޖެ އެތެރެ ކުރާ މިފަދަ ދޫނިތައް އަނބުރާ އެގައުމަކަށް ފޮނުވާލުމުގައި އިމްޕޯޓަރުން ހަވާލު ނުވުމުން އެކަމަކީ މިނިސްޓްރީއަށް ކުރަން ފަސޭހަ ކަމެއް ނޫން ކަމަށް އެ މިނިސްޓްރީން ބުނެއެވެ. ސަބަބަކީ އެފަދަ ދޫނި ތަކަކީ ގާނޫނާ ހިލާފަށް އެހެން ގައުމުތަކުން ގެންނަ ތަކެއްޗަށް ވުމުން އަނބުރާ ގައުމަކަށް ފޮނުވާލަން ނިންމާއިރު އަނެއް ގައުމުން އެކަމަށް ދެކޮޅު ވާނެ ކަމަށް ފިޝަރީޒުން ފާހަގަ ކުރެއެވެ. ދެން އޮންނާނީ ވިޔަފާރި އުސުލުން އެކަން ކުރުން ކަމަށާއި އެއީ ވަރަށް ބޮޑު ހޭދައަކާއި ގިނަ ދުވަސްތަކެއް ނަގާނެ ކަމެއް ކަން އެ މިނިސްޓްރީން ފާހަގަ ކުރިއެވެ.
އިމްޕޯޓަރުން އެ އެއްޗެހި ދޫކޮށްލާފައި ދިއުމުން ރާއްޖެއަކީ ދޫނިބަލަހައްޓާ ތަނެއް ހުރި ތަނެއް ނޫން ކަމަށް ވުމާއެކު ކަރަންޓީން ފެސިލިޓީގައި އަބަދަކު ނުބޭތިއްބޭނެ ކަމަށް ފިޝަރީޒުން ބުނެއެވެ. އެހެންކަމުން އެ ދޫނިތައް ނައްތާލީ ސަޕޯޓް ސްޓާފުންތަކެއް ހިމަނައިގެން ތަޖުރިބާކާރުންގެ ލަފާގެ މަތިން ކަމަށް ފިޝަރީޒުން ބުނެއެވެ. އެ ގޮތުން ފަހަރަކު ދޫންޏެއް ހޭނައްތާލަން ބޭނުންވާ މިންވަރަށް ކާބޮންޑައިއޮކްސައިޑްގެ ޑޯޒް ދީގެން އެކަން ކުރި ކަމަށް ފިޝަރީޒުން ބުނެއެވެ.
އަދި އިމްޕޯޓަރުންނަށް އެންގި ކަމުގައި ވިޔަސް ދޫނި ނައްތާލާ ތަނަށް އެމީހުން ނުވައްދާނެ ކަމަށާއި ނަމަވެސް ނައްތާުލުމަށް ފަހު އިމްޕޯޓަރުންނަށް އެ ދޫނިތައް ދެއްކި ކަމަށް ފިޝަރީޒުން ބުނެއެވެ. ދައުރުވާ ފޮޓޯތަކަކީ ދޫނިތައް ނައްތާލުމަށް ފަހު އެމީހުންނަށް ދެއްކުމުން ނަގާފައިވާ ފޮޓޯތަކެކެވެ.
ފިޝަރީޒުން މިހެން ބުނާ އިރު ޕެޓް މާސްޓާސް އިން ބުނަނީ މީގެ ކުރިންވެސް އެތައް ޝިޕްމަންޓެއްގައި ގެނެސްފައިވާ މި ބާވަތުގެ ދޫނިތައް ހިފަހައްޓާފައި ނުވާ ކަމަށާއި އެ ދޫނިތައް ނައްތާ ނުލައި ކުޑަކުދިންގެ ބަގީޗާ ފަދަ ތަނަކަށް ހަދިޔާ ކުރުމަކީވެސް ކުރެވިދާނެ ކަމެއް ކަމަށް އެދިފައި ވާނެ ކަމަށެވެ. ނަމަވެސް މިކަމަށް އެއްވެސް ހައްލެއް ނުގެނެސް ކޯޓުގައި މައްސަލަ އޮއްވާ މައްސަލަ ނުނިމެނީސް ދޫނިތައް ނައްތާލީ ކުއްލިއަކަށް އެމީހުންނަށް އެންގުމަށް ފަހު ކަމަށް ޕެޓް މާސްޓާ އިން ބުނެއެވެ.
ދޫނި އެތެރެކުރަނީވެސް ގޭންގް ސްޓާރުން. އެމީހުން ހިމާޔަތް ކޮށްފައިވާ ދޫނި މިހިސާބަށް ގެންނަނީވެސް އެކަހަލަ ގްރޫޕްތަކާ ގުޅިގެން ރިޝްވަތު ދީގެން. ފިޝަރީޒް ގައި މިކަން ކުރާ މުވައްޒަފުންނަށް މިގޭންގްތަކުގެ މީހުން މަރުގެ އިންޒާރު ދޭކަން ބަޔަކަށް އިނގޭބާ. ރައްޔޮިތުންގެ މަޖިލިސް މީހުންގެ ނުފުޒްވެސް ފޯރުވި. ކުރީގެ ސަރުކާގައި މި ނެޓްވޯރކް އޮތީ އަޅާފަ. މިހާރު މިކަން ނުވީމާ، ނޫސްތައް މެދުވެރިކޮށް ޕަބްލިކް ކައްކުވަނީ. މީ މި ދޫނި އެތެރެކުރާ މީހުންގެ ފެންވަރު. ފިޝަރީޒް މިނިސްޓްރީން ބަރާބަރު ކަންތައް ކުރިގޮތް. މިފަދަަގޮތަކަށް އަމަލު ކޮށްގެންނޫނީ މިފަދަ މީހުން މައިތިރިއެއް ނުވާނެ. ސާބަސް ކަރަންޓީނު މުވައްޒަފުން.