ކަރަންޓީން ފެސިލިޓީއެއްގެ ގޮތުގައި ކުރިން ބޭނުން ކުރި ކ. ވިލިވަރުގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އެމްއެންޑީއެފް ފަޔާއެންޑް ރެސްކިޔުއިން ހަރަކާތްތެރި ވާން ފަށައިފިއެވެ.
ރޯވީ ކިހާވަރަކަށް ކަން އަދި ސާފެއް ނުވެއެވެ.
ނަމަވެސް ފޮޓޯއިން ފެންނަ ގޮތުން ރޯވެފައި ވަނީ އެއްކޮށްފައި ހުރި ލަކުޑި ގުޅި ތަކެއްގައެވެ. ނަމަވެސް މިކަން ހިނގާދިޔަ ގޮތް ސާފު ނުވާތީ، އެއީ މީހަކު ނުވަތަ ބަޔަކު ކުރިކަމެއް ކަން އަދި އެނގޭ ގޮތެއް ނުވެއެވެ. އެމްއެންޑީއެފާއި ފުލުހުންވެސް މިކަމުގައި އަދި ސާފު މައުލޫމާތެއް ނުދެއެވެ.
ވިލިވަރަކީ ކޮވިޑް ބާރަށް ފެތުރިގެން ދިޔަ ދުވަސް ވަރު ވަގުތީ ކަރަންޓީން ފެސިލިޓީއެއްގެ ގޮތުގައި ބޭނުން ކުރަން 130 ކޮޓަރި ހިމެނޭ އިމާރާތަކާއި ފަހާނާއާއި ކައްކާ ކެވޭނެ އިންތިޒާމް ހަމަޖައްސާފައި ހުރި ތަނެކެވެ.
ކޮވިޑްގެ ހާތަލު ރަނގަޅުވަމުން އައިސް އެތަން ބޭނުން ކުރުން ހުއްޓާލި ފަހުން، އެރަށަށް އަރާ ފައިބާ އުޅުނީ ކޮން ބައެއްކަމާއި، އެރަށް ބޭނުން ކުރަމުން ދިޔަ ގޮތުގެ މައުލޫމަތެއް ކަމާ ބެހޭ އެއްވެސް އިދާރާއަކުން ނުލިބެއެވެ.
މާލެއާ 30 މިނެޓް ދުރުމިނުގައި އޮންނަ ވިލިވަރަކީ ކުރިން ރިސޯޓެއްގެ ގޮތުގައިވެސް ބޭނުން ކުރި ރަށެކެވެ.