ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ މެންބަރު ކަމަށް ހޮވިވަޑައިގެންނެވި މުުހައްމަދު ރާޝިދު މިއަދު ހުވާ ކުރައްވައިފިއެވެ.

މަޖިލިސްކުރާ ގޭގައި މިއަދު އޮތް ރަސްމިއްޔާތެއްގައި ރާޝިދަށް ހުވާ ލައިދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުސްނުއްސުއޫދެވެ. އެ ރަސްމިއްޔާތުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުވެސް ބައިވެރިވެ ވަޑައިގެންފައިވެއެވެ.

މަގާމުގެ ހުވާ ކުރެއްވުމާއެކު، މިހާރު މި ހިނގާ 19 ވަނަ މަޖިލީހުގެ ފަސްވަނަ ދައުރު ނިމެންދެން، މިއަދާ ހަމައަށް ށ. ފޯކައިދޫ ކައުންސިލްގެ ރައީސްކަމުގެ މަގާމުވެސް މީގެ ކުރިން ފުރުއްވާފައިވާ ރާޝިދު ހުންނަވާނީ ކޮމަންޑޫ ދާއިރާގެ މެންބަރު ކަމުގެ މަގާމުގައެވެ.

ކޮމަންޑޫ ދާއިރާގެ ގޮނޑި މިދިޔަ އަހަރު ހުސްވެފައިވަނީ، އެ ގޮނޑި ފުރުއްވަމުން ގެންދެވި ކުރީގެ މެންބަރު ހުސައިން ވަހީދު ކެންސަރުގެ އާލާސްކަންފުޅަށް އޭޑީކޭގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް މިދިޔަ ޑިސެމްބަރު މަހުުގެ 14 ވަނަ ދުވަހުގެ ދަންވަރުގެ ވަގުތެއްގައި އަވަހާރަވުމުންނެވެ.

އެއާއެކު، އިލެކްޝަންސް ކޮމިޝަނުން ވަނީ ކޮމަންޑޫ ދާއިރާގެ ގޮނޑިއަށް މެންބަރަކު ހޮވުމަށްޓަކައި ބާއްވާ ބައި އިލެކްޝަން މި މަހުގެ ފަސްވަނަ ދުވަހު ބާއްވާނެ ކަމަށް އިއުލާނުކޮށްފައެވެ. އީސީން ހުޅުވާލި މުއްދަތުގައި ކޮމަންޑޫ ދާއިރާއަށް ކުރިމަތިލެއްވީ ރާޝިދުގެ އިތުރުން، އިދިކޮޅު ކޯލިޝަންގެ ފަރާތުން ކުރީގެ ށ. އަތޮޅު ކައުންސިލްގެ ރައީސް މޫސާ ފަތުހީ އާދަމާއި، އެމްއެންޕީގެ ފަރާތުން އަބްދުލް ހަންނާން އިދުރީސެވެ.

މިމަހުގެ ފަސްވަނަ ދުވަހު ބޭއްވި އިންތިހާބު ރާޝިދު ކާމިޔާބު ކުރައްވާފައިވަނީ 240 ވޯޓުގެ ތަފާތުންނެވެ. އީސީން އާންމުކުރި ރަސްމީ ނަތީޖާއިން ދައްކާ ގޮތުގައި ރާޝިދަށް ލިބިވަޑައިގެންފައިވަނީ 1،401 ވޯޓެވެ. އޭނައާ ގާތުން ވާދަކުރެއްވި ފަތުހީއަށް 1،161 ވޯޓު ލިބިވަޑައިގެންފައިވާއިރު، ހަންނާނަށް ލިބިވަޑައިގެންފައިވަނީ 323 ވޯޓެވެ.

އެއާއެކު ރައްޔިތުންގެ މަޖިލީހުގައި ވެރިކަންކުރާ އެމްޑީޕީ ތަމްސީލު ކުރައްވާނީ 65 މެންބަރުންނެވެ.