ވިޔަފާރި އުސޫލުން ވިއްކުމަށް ރާއްޖެއަށް އެތެރެ ކުރިތަނާ ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ދޫނި މަރާލި މައްސަލައިގައި އެގޮތަށް ކަން ކުރަން ލަފާ ދީފައި ނުވާ ކަމަށާއި އެކަން ކޮށްފައިވަނީ ގަވާއިދާ ހިލާފަށް ކަމަށް އެޓާނީ ޖެނެރަލް އޮފީހުން ބުނެފިއެވެ.

ރާއްޖެ އތެރެ ކުރި ދޫނިތަކެއް ހިފަހައްޓައި މަރާލި މައްސަލަ ހުޏުވެގެން އައި އިރު އެއީ ގަވާއިދާ ހިލާފަށް އތެރެ ކުރި ދޫނިތަކެއް ކަމަށް ބުނެ ފިޝާރީޒް މިނިސްޓްރީން އެ ގޮތަށް އަމަލު ކުރީ އެތާނީ ޖެނެރަލް އޮފީހުން ކަމަށް ބުނުމުން ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އޭޖީއަށް އަމާޒުވެފައެވެ.

މި ކަމާ ގުޅިގެން 'ދަ ޕްރެސް' އަށް މައުލޫމާތު ދެއްވަމުން އެޓާނީ ޖެނެރަލްގެ އޮފީހުގެ ކޮމިއުނިކޭޝަންސް ޑިރެކްޓަރު ހުސައިން ހަސަން ވިދާޅުވީ، ރާއްޖެއަށް އެތެރެކުރަން އުޅެނިކޮށް ހިފެހެއްޓި އެ ދޫނިތަކަކީ "ދިވެހިރާއްޖެއަށް އެތެރެކުރުމަށް ހުއްދަ ދެވޭ ދޫނީގެ ބާވަތްތަކުގެ ލިސްޓު" ގައި ނުހިމެނޭ ދޫނިތަކެއް ކަމަށެވެ.

"ގަވާއިދާ ހިލާފަށް ދޫންޏެއް އެތެރެކުރެވޭ ހާލަތްތަކުގައި އެޅޭނެ ފިޔަވަޅުތަކުގެ ތެރޭގައި އެ ދޫންޏެއް ނައްތާނުލައި، އެތެރެކުރި ގައުމަށް ފޮނުވާލުމުގެ ފުރުސަތު ދެވޭކަން ދިވެހިރާއްޖެއަށް ދޫނި އެތެރެ ކުރުމާ ބެހޭ ގަވާއިދުގައި ބުނެފައިވޭ. ނަމަވެސް އެގޮތުގެ މަތިން މިނިސްޓްރީން އަމަލުކޮށްފައެއް ނުވޭ."
ހުސައިން ހަސަން

އެހެންކަމުން ގަވާއިދާ ހިލާފަށް ދޫންޏެއް އެތެރެކުރެވޭ ހާލަތްތަކުގައި އެޅޭނެ ފިޔަވަޅުތަކުގެ ތެރޭގައި އެ ދޫންޏެއް ނައްތާނުލައި، އެތެރެކުރި ގައުމަށް ފޮނުވާލުމުގެ ފުރުސަތު ދެވޭކަން ދިވެހިރާއްޖެއަށް ދޫނި އެތެރެކުރުމާ ބެހޭ ގަވާއިދުގައި ބުނެފައިވާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި އެތަކެތި ގެނައި ގައުމަށް އަނބުރާ ފޮނުވާލުމަށާއި އެތެރެކުރި ދޫނިތައް ނައްތާލުމަށް ދާ ހަދަރުގެ ޒިންމާ އުފުލަން ޖެހޭނީ ދޫނި އެތެރެ ކުރި ފަރާތުންކަން ގަވާއިދުގައި ބަޔާންކޮށްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. ނަމަވެސް އެގޮތުގެ މަތިން ފިޗާރީޒް މިނިސްޓްރީން އަމަލުކޮށްފައި ނުވާ ކަމަށް ހުސައިން ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާލުވީ، ގަވާއިދާ ހިލާފުވެގެން ދޫނިތައް ހިފަހައްޓާފައި ވަނީ މިދިޔަ އަހަރުގެ ސެޕްޓެންބަރު މަހާއި އޮކްޓޫބަަރު މަހާއި އަދި ނޮވެމްބަރު މަހުގެ ތެރޭގައި ކަމަށެވެ. ނަމަވެސް އެ ދޫނިތައް ކަރަންޓީން ކުރުން ފިޔަވަައި، ގަވާއިދާ ހިލާފުވި ފަރާތްތަކާ މެދު އެ ގަވާއިދުގައިވާ ގޮތުގެ މަތިން އަޅަން ޖެހޭ ފިޔަވަޅުތައް މިހާތަނަށް ވެސް އަޅާފައި ނުވާކަމަށް ހުސަިއން ފާހަގަ ކުރެއްވިއެވެ.

އޭގެ ބަދަލުގައި "ދިވެހިރާއްޖެއަށް އެތެރެކުރުމަށް ހުއްދަ ދެވޭ ދޫނީގެ ބާވަތްތަކުގެ ލިސްޓު"ގައި ނުހިމެނޭ ދޫނިތައް އެ ލިސްޓަށް އިތުރުކޮށް، ޑިސެންބަރު 13، 2021 ގައި ގަވާއިދު އިސްލާހު، މިނިސްޓްރީން އާންމުކޮށްފައިވާ ކަމަށާއި އެއަށްފަހު އެ ދޫނިތައް އެތެރެކުރަން އުޅުނު ފަރާތްތަކަށް އެ ދޫނިތައް ދޫކުރުމުގެ ހުއްދަ ދިނުމާ ގުޅޭ ގޮތުން އޭޖީގެ ލަފައަކަށް ފިޗާރީޒުން އެދިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި އޭރު އޭޖީން ލަފާ ދިނީ ދޫނިތައް އެތެރެކޮށް ކޮރަންޓީންކުރެވެނުއިރު އަމަލު ކުރަމުން ގެންދިޔަ ދިވެހިރާއްޖެއަށް ދޫނި އެތެރެކުރުމާ ބެހޭ ގަވާއިދުގައިވާ ގޮތުގެމަތިން އަމަލުކުރަން ކަމަށް އޭނާ ވިދާޅުވިއެވެ.

މި މައްސަލާގައި ހިމެނޭ ކޮރަންޓީން ކުރެވުނު ދޫނިތަކާ ގުޅޭ ގޮތުން ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން އަމަލުނުކޮށް ދިގު މުއްދަތެއް ފާއިތުވެފައިވާ ކަމަށް ވެސް ހުސައިން ވިދާޅުވިއެވެ. ގަވާއިދުގައިވާ ގޮތުގެމަތިން ފިޔަވަޅުތައް ތަންފީޒު ކުރުމުގައި އިހުމާލުވާ ފަރާތެއްވާ ނަމަ އެކަން ބަލައި ފިޔަވަޅު އަޅަން ފެންނަ ވާހަކަ ވެސް އެ މިނިސްޓްރީއަށް ދިން ލަފާގައި ބަޔާންކޮށްފައިވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.