ވިޔަފާރި އުސޫލުން ވިއްކުމަށް ރާއްޖެއަށް އެތެރެ ކުރިތަނާ ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ދޫނި މަރާލި މައްސަލަ ހޫނު ވެއްޖެއެވެ.

ފިޝަރީޒް މިނިސްޓްރީން ބުނީ، މަރާލި ދޫނިތަކަކީ މީގެ ދެތިން މަސް ކުރިން ރާއްޖެއަށް ގަވާއިދާ ހިލާފަށް އެތެރެ ކުރުމުން ހިފަހައްޓާފައި ހުރި ދޫނިތަކެއް ކަމަށެވެ. އެ ތަކެތި ނައްތާލީ އެޓާނީ ޖެނެރަލްގެ ލަފާ ހޯދުމަށް ފަހު އަދި ގަވާއިދުގައި އެކަމަށް އޮންނަ އުސޫލުތަކުގެ ތެރެއިން ކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެއެވެ.

އެ ދޫނިތައް ނައްތާލީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ހުންނަ ކަރަންޓީން ފެސިލިޓީގައެވެ. ނަމަވެސް އެ ދޫނިތައް ނައްތާލީ ކިހިނެއް ކަމެއް އަދި ކޮން ބާވަތެއްގެ ދޫނިތަކެއް ކަމާއި ކިހާ އަދަދެއްގެ ދޫނިތަކެއް ކަމެއް އެއްވެސް ރަސްމީ އިދާރާއަކުން ހާމައެއް ނުކުރެއެވެ.

"ދަ ޕްރެސް" އަށް އެނގިފައިވާ ގޮތުން އެ ދޫނިތައް މަރާލީ އިންޖެކްޝަނެއް ޖަހައިގެންނެވެ. އަދި ޖުމްލަ 120 ދޫނި މަރާލިކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.

ރާއްޖެ އެތެރެކުރުން މަނާ ދޫނިތަކެއް އެގޮތަށް މަރާލުމުން އާންމުން އަންނަނީ ނުރުހުން ފާޅުކޮށް ސޯޝަލް މިޑިއާގައި އެމީހުންގެ ޝުއޫރުތައް ފާޅު ކުރަމުންނެވެ. އެއް ބަޔަކު ބުނާ ގޮތުގައި އެތެރެ ކުރުން މަނާ ދޫނިތަކެއް ގެނައުމުން ހިފަހައްޓާއި އެ ތަކެއްޗަށް އެހެން ގޮތެއް ހެދި ދާނެއެވެ. ޕާކު ފަދަ ފިިނި މައިޒާންތަކުގައި އެ ދޫނިތައް ބޭތިއްބުމަކީ ކުރެވިދާނެ ކަމެކެވެ. ދިރޭ އެއްޗެހި އެގޮތަށް ނައްތާލުމަކީ ލާއިންސާނީ އަމަލެއް ކަމަށް ގަބޫލު ކުރާ މީހުން މި ކަން އަންނަނީ ކުށްވެރި ކުރަމުންނެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ދޫނިތަކަކީ ރާއްޖެއަށް އަތެރެ ކުރެވޭނެ ދޫނިތަކުގެ ލިސްޓު އާންމު ކުރުމުގެ ކުރިން އޯޑަރު ޖަހާފައިވާ ދޫނިތަކެކެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި މި ދޫނިތަކަކީ ރާއްޖޭގައި ދޫނި ވިޔަފާރި ކުރާ ފަރާތެއް ކަމަށްވާ ޕެޓް މާސްޓާ މޯލްޑިވްސް އިން އެތެރެ ކުރި ދޫނިތަކެކެވެ.