ގެވެށި އަނިޔާ ހުއްޓުވުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލާ އެކު، 36 ބިލެއް މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރަށް ސަރުކާރުގެ ފަރާތުން ހުށަހަޅަން ނިންމައިފިއެވެ.
ބަންޑާރަނައިބުގެ އޮފީހުން ބުނީ، މަޖިލީހަށް ހުށަހަޅަން ގަސްދުކުރާ ބިލްތަކުގެ ލިސްޓެއް މިހާރު ވަނީ ފޮނުވާފައި ކަމަށެވެ.
އޭގެ ތެރޭގައި ގޭންގު ކުށްތައް މާނާކުރުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލަކާއި، މަސްތުވާތަކެއްޗާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލަކާއި، ބިރު ދެއްކުމާއި ނުރައްކާތެރި ހަތިޔާރު ގެންގުޅުން މަނާކުރުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލެއް ހިމެނެއެވެ.
އަދި ކޯޓުތަކުގެ ގާނޫނަށާއި، ފަނޑިޔާރުންގެ ގާނޫނުގެ އިތުރުން، ގާނޫނުލްއުގޫބާތަށް އިސްލާހު ގެނައުމުގެ ބިލްތައްވެސް ބަންޑާރަނައިބުގެ އޮފީހުން ވަނީ މި ދައުރުގައި ހުށަހަޅަން ނިންމާފައެވެ.
ސަރުކާރުން މަޖިލީހަށް ހުށަހަޅަން ނިންމާފައިވާ ބައެއް ބިލްތައް
- މީޑިއާ އެންޑް ބްރޯޑްކާސްޓިން އޮތޯރިޓީގެ ބިލް
 - ގިންތި ކަނޑައެޅުމާއިި ދަރަޖަ ކުރުމުގެ ބިލް
 - ހެލްތު ސާވިސަސްގެ ބިލް
 - ސިއްހީ ހިދުމަތް ދިނުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް
 - އާއިލާ އާ ބެހޭ ބިލް
 - ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުތައް ރައްކާތެރިކޮށްދިނުމާއި މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް
 
މި ހަފްތާގައި މަޖިލީހުގެ ޖަލްސާތައް ރަސްމީކޮށް ފަށާފައިވާއިރު، މިހާރު ކުރިއަށް ދަނީ ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ ފަނޑިޔާރުންނަށް މެޓާނިޓީ ލީވް ދިނުމަށް ސަރުކާރުން ހުށަހަޅާފައިވާ އިސްލާހުގެ މަސައްކަތްތަކެވެ. އެގޮތުން އެ ބިލަށް އިއްޔެ ވަނީ ބަހުސްކުރަން ފަށާފައެވެ.
