ހޮނިހިރު ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ށ. ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަން ގުޅޭ 9 ޝަކުވާއެއް ހުށަހަޅާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ރައީސް ފުވާދު ތައުފީގް ވިދާޅުވެއްޖެއެވެ.

ފުވާދު މިހެން ވިދާޅުވީ ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުންނެވެ. މިގޮތުން ފުވާދު ވިދާޅުވި ނިމިދިޔަ އިންތިހާބާއި ގުޅޭ ޖުމްލަ 10 މައްސަލައެއް އީސީއަށް ހުށަހެޅިފައިވާ ކަމަށެވެ. ނަމަވެސް އޭގެ ތެރެއިން އެއް މައްސަލައެއް ރިޕީޓުވެފައިވާތީ ޖުމްލަ ހުށަހެޅުނީ 9 މައްސަލަ ކަމަށް އޭނާ ވިދާޅުވިއެވެ.

ހުށަހެޅި މައްސަލަތައް ގާނޫނީ 4 ވަކީލަކާއި ތަޖުރިބާކާރު އެހެން އިދާރީ ބޭފުޅަކު ހިމެނޭ ޓީމަކުން ބެއްލެވި ކަމަށާއި ނަމަވެސް ހުށަހެޅު އެއްވެސް މައްސަލައެއްގައި ސާބިތުވާވަރަށް ހެކި ހުށަހަޅާފައި ނުވާ ކަމަށް ފުވާދު ފާހަގަކުރެއްވިއެވެ.

ފުވާދު ވިދާޅުވީ މައްސަލަތަކުގެ ހެކި ހުރި ނަމަ މައްސަލަ ބަލާ އެކަމަކާއި ގުޅިގެން އަޅަންޖެހޭ ފިޔަފަޅުތައް އަޅުއްވާނެ ކަމަށެވެ. ނަމަވެސް ސާބިތުވާ ވަރަށް ހެކި ނެތުމުން އެމައްސަލަތައް އިތުރަށް ބައްލަވާފައި ނުވާ ކަމަށް އޭނާ ވިދާޅުވިއެވެ.

މި ވާދަވެރި އިންތިހާބުގައި ތިން ކެންޑިޑޭޓަކު ވާދަ ކުރެއްވިއެވެ. އެއީ އެމްޑީޕީ ކެންޑިޑޭޓް މުހައްމަދު ރާޝިދު އާއި ޕީޕީއެމްގެ ކެނޑްިޑޭޓް އުސްތާޒް މޫސާ ފަތުހީ އާދަމްގެ އިތުރުން އެމްއެންޕީގެ ކެންޑިޑޭޓް އަބްދުލް ހަންނާން އިދުރީހެވެ.

އީސީން އާންމު ކުރި ދާއިމީ ނަތީޖާއަށް ބަލާއިރު އިންތިހާބު ކާމިޔާބު ކުރެއްވި ރާޝިދަށް ލިބިވަޑައިގަތީ 1،401 ވޯޓެވެ. ފަތުހީއަށް 1،161 ވޯޓު ލިބިވަޑައިގެންނެވިއިރު ހަންނާނަށް ލިބިވަޑައިގަތީ 323 ވޯޓެވެ.