ފުލުހުން ކުރި ތަހުގީގު ގޯސްވެ، ޕްރޮސެކިއުޓާ ޖެނެރަލް އިން މައްސަލައިގައި ސާބިތުވާ ވަރަށް ހެކި ހުށަނޭޅުމުން، 600 ގްރާމަށް ވުރެ ގިނަ މަސްތުވާތަކެތި ވައިގެ މަގުން ރާއްޖެއަށް އެތެރެ ކުރި މައްސަލައިގައި ހައްޔަރު ކުރި ދިވެހި އަންހެނަކު ސަލާމަތް ވެއްޖެއެވެ.
2016 ވަނަ އަހަރުގެ މެއި މަހު ދިވެހި އަންހެނަކު ވައިގެ މަގުން ރާއްޖެ އައިއިރު ލަގެޖުން 600 ގްރާމަށް ވުރެ ގިނަ މަސްތުވާތަކެތި ފެނުނު މައްސަލައިގައި އެ އަންހެން މީހާގެ މައްޗަށް ދައުލަތުން އުފުލީ މަސްތުވާއެއްޗެއް އެތެރެ ކުރުމުގެ ދައުވާއެވެ.
އެ މައްސަލައިގައި މިއަދު ކްރިމިނަލް ކޯޓުން ކުރި ހުކުމުގައި ވަނީ މަސްތުވާތަކެތީގެ ތަހުލީލު ރިޕޯޓާއި ޗެއިން އޮފް ކަސްޓަޑީ ފޯމުތަކަށް ބަލާ އިރު، ތަހުލީލު ކުރި މީހާއާ ހަމައަށް އަތުލައިގެން މަސްތުވާތަކެތި ގެންދިޔައީ ކާކުކަން އެނގެން ނެތް ކަމަށެވެ. އަދި މަސްތުވާތަކެތި އަތުލައިގަތުމަށް ފަހު، ފުލުހުންގެ އެކަކު އަތުން އަނެކަކު އަތަށް އެ ތަކެތި ދައުރުވި ގޮތް ވެސް ލިޔުންތަކުން ސާފުނުވާ ކަމަށް އެ ހުކުމުގައި ވެއެވެ
މި މައްސަލައިގައި ލެބޯރެޓަރީން ތަހުލީލު ކުރި މަސްތުވާތަކެއްޗަކީ ދައުވާ ލިބޭ މީހާގެ ލަގެޖުން ފެނުނު ތަކެތިކަން ސާބިތު ކުރުމަށް ހެކި ހުށަހެޅުމަކީ ދައުލަތުން ކުރަންޖެހޭ ކަމަކަށް ވާއިރު، މައްސަލަ ނިންމުމާ ހަމައަށް ވެސް އެކަން ސާބިތު ކުރެވޭނެ ލިޔުމެއް ދައުލަތުން ހުށަހަޅާފައި ނުވެއެވެ. އެހެންވެ، މަސްތުވާތަކެތި އެތެރެކުރުމުގެ ދައުވާ އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށް ސާބިތުނުވާ ކަމަށް އެ ހުކުމުގައި ވެއެވެ.
ހަމައެއާއެކު މި މައްސަލައިގައި ފުލުހުން ތަހުގީގު ކުރުމުގައި ގޯސްތަކެއް ހުރިކަން ފާހަގަކޮށް އެ ހުކުމުގައި ބުނީ، މަސްތުވާތަކެއްޗާ ހަވާލުވާން ދާ މީހަކު ހޯދަން ދައުވާ ލިބޭ މީހާ ބައިވެރިކޮށްގެން ހިންގި ކޮންޓްރޯލް ޑެލިވަރީ އޮޕަރޭޝަންގައި، ދައުވާ ލިބުނު އަންހެން މީހާގެ ގެސްޓް ހައުސްއަކަށް ގެންދިޔަ ކަމަށެވެ. ނަމަވެސް މި މައްސަލައިގައި ތުހުމަތުވާ ފަރާތަކީ އަންހެނަކަށް ވެފައި އެ ތަނުގައި އަންހެން ފުލުހަކު ނެތުމަކީ މައްސަލައެއް ކަމަށް ހުކުމުގައި ވެއެވެ.
މީގެ އިތުރުން ތުހުމަތު ކުރެވޭ އަންހެން މީހާ ރާއްޖެއަށް އައި އިރު އޭނާ އާ އެކު އިތުރު މީހަކު އައިސްފައިވާ ކަމަށާއި އޭނާ ހައްޔަރު ނުކޮށް އޮޕަރޭޝަން ކުރިއަށް ގެންދިޔަކަން އެ ހުކުމުގައި ފާހަގަ ކޮށްފައި ވެއެވެ.
އެއީ ގަސްދުގައި ކުރާ ކަންކަން. ނޭންގިއެއްނޫން. ރާވައިގެން ކުރާ ކަންކަންތީ
"ނަމަވެސް މި މައްސަލައިގައި ތުހުމަތުވާ ފަރާތަކީ އަންހެނަކަށް ވެފައި އެ ތަނުގައި އަންހެން ފުލުހަކު ނެތުމަކީ މައްސަލައެއް ކަމަށް ހުކުމުގައި ވެއެވެ." މި ވެސް ޖެހިފައޮތް ބޮޑު މުސީބާތެއް.