މޫސުމަށް އަންނަމުންދާ ނޭދެވޭ ބަދަލުތައް ކުޑަ ކުރުމަށް އަމިއްލައަށް ކަނޑައަޅާފައިވާ އަމާޒުތަކަށް ވާސިލުވުމަށްވެސް ދުނިޔޭގެ ބޮޑެތި ކުންފުނިތަކުން ފެއިލްވަމުން އަންނަ ކަމަށް ދިރާސާއަކުން ދައްކައިފިއެވެ.

އަދި މޫސުމީ ނޭދެވޭ ބަދަލުތަކާ ދެކޮޅަށް ކުންފުނިތަކުން ހާސިލުވާ މިންވަރާ މެދު ކުންފުނިތަކުން ތަސްވީރު ކޮށްދެމުން ދަނީ، ހަގީގަތަށް ވުރެ ބޮޑު މަންޒަރެއް ކަމަށް ބުނެ، ކުންފުނިތަކުން "ފޮނިކަނޑާ" ކަމުގެ ރޫހު، މި ދިރާސާގައި ގެނެސްދީފައިވެއެވެ.

ދަ ނިއު ކްލައިމެޓް އިންސްޓިޓިއުޓް އިން ކުރިއަށް ގެންދިޔަ ދިރާސާގައި 25 ކުންފުންޏެއްގެ ހާލަތު ވަޒަން ކޮށްފައި ވާ އިރު، އެކަށީގެންވާ ހަލުވި މިނެއްގައި ބަދަލުވުމަށް ފެއިލްވި ކުންފުނިތަކުގެ ތެރޭގައި ގޫގްލް، އެމޭޒޯން، އައިކިއާ، އެޕަލް އަދި ނެސްލޭ ހިމެނެއެވެ.

މުދާ ގަންނަ ފަރާތްތަކުން، ތިމާވެއްޓާ ރައްޓެހި އުފެއްދުންތަކަށް ކުރާ ޑިމާންޑް އިތުރު ވަމުން އަންނަ އިރު، ތިމާވެއްޓަށް ނޭދެވޭ އަސަރު ފޯރާ އުފެއްދުންތަކާ ދުރުހެލިވުމަށް ކުންފުނިތަކަށް އޮންނަ ޕްރެޝަރު ބޮޑުވެއެވެ.

ދަ ނިއު ކްލައިމެޓް އިންސްޓިޓިއުޓް އިން ބުނާ ގޮތުގައި ދިރާސާގެ ބޭނުމަށް ވިލަރެސް ކުރި ކުންފުނިތަކަކީ، ދުނިޔެއިން ޖައްވަށް ބޭރު ކުރާ ވިހަ ގޭހުގެ 5 ޕަސެންޓް ހިއްސާ ކުރާ ކުންފުނިތަކެކެވެ. މިއީ ކާބަން ފުޓްޕްރިންޓަށް ބަލާއިރު ބޮޑު ޕަސެންޓެކެވެ. އެހެން ކަމުން، މިއީ މޫސުމީ ނޭދެވޭ ބަދަލުތައް ކުޑަ ކުރުމަށް މަސައްކަތް ކުރުމަށް އެންމެ އެކަށީގެންވާ ކުންފުނިތައް ކަމުގައިވެސް ސިފަ ކުރެވިދާނެއެވެ.

ކަންމިހެން އޮތް އިރު، ބޮޑެތި ކުންފުނިތަކުން ދަނީ ދަ ނިއު ކްލައިމެޓް އިންސްޓިޓިއުޓްގެ ދިރާސާއަށް ފާޑުކިއާ، އެ ދިރާސާގެ ހޯދުންތަކަށް އިންކާރު ކުރަމުންނެވެ. އަދި އެ ދިރާސާއަކީ ކުންފުނީގެ އުސޫލުތައް ރަނގަޅަށް ފަހުމްނުވެ، ހަދާފައި ވާ ދިރާސާއެއް ކަމަށް ބުނެ، ފާޑުކިއުންތައްވެސް އަމާޒުކޮށްފައި އެބަހުއްޓެވެ.