ނިމިދިޔަ 2021 ވަނަ އަހަރަކީ ނިއުކްލިއާ އަދި ބެލިސްޓިކް މިސައިލް މަޝްރޫއުތައް ކުރިއަށް ގެންދިޔަ އަހަރެއް ކަމަށާ، ސައިބާ ހަމަލާތަކާ، ކްރިޕްޓޯކަރަންސީ ގަނެވިއްކުމުގެ މުއާމަލާތްތަކަކީ އުތުރު ކޮރެއާއަށް އާމްދަނީ ލިބުމުގެ މުހިންމު މަސްދަރެއް ކަމަށް، ރޮއިޓާޒްއަށް ފެނިފައި ވާ އދގެ ސިއްރު ލިޔެކިއުމަކާ ހަވާލާދީ، އަލްޖަޒީރާއިން ރިޕޯޓް ކޮށްފިއެވެ.

މި ރިޕޯޓަކީ ދަތިކުރުމުގެ ފިޔަވަޅުތައް ވިލަރެސް ކުރަމުންދާ މިނިވަން ފަރާތްތަކުން، އދގެ ސަލާމަތީ މަޖިލީހުގައި ހިމެނޭ އުތުރު ކޮރެއާގެ ދަތިކުރުމުގެ ފިޔަވަޅުތަކާ ބެހޭ ކޮމިޓީއަށް ފޮނުވި އަހަރީ ރިޕޯޓެއް ކަމަށް މައުލޫމާތު ލިބެއެވެ.

ނިއުކްލިއާ ޓެސްޓުތައް ކުރުމާއި ބެލިސްޓިކް މިސައިލްތައް ލޯންޗު ކުރުމަކީ އދގެ ސަލާމަތީ މަޖިލީހުން އުތުރު ކޮރެއާއަށް މަނާ ކޮށްފައި އޮންނަ ކަމެކެވެ. ނަމަވެސް އދގެ އަމުރަށް ބެލުމެއް ނެތި އުތުރުން ދަނީ މިފަދަ މަޝްރޫއުތައް ހިންގަމުންނެވެ. މި ކަންކަމަށް އެ ގައުމުން ފަންޑު ކުރާ މަގުތައް ބަންދު ކުރުމަށް، އދއިން ދަނީ އުތުރު ކޮރެއާއާ ދެކޮޅަށް، ދަތިކުރުމުގެ ފިޔަވަޅުތައްވެސް އަޅަމުންނެވެ.

ނިމިގެން ދިޔަ ޖެނުއަރީ މަހު އެކަނިވެސް، އުތުރު ކޮރެއާއިން 9 ފަހަރެއްގެ މަތިން ބެލިސްޓިކް މިސައިލް ލޯންޗު ކުރި ކަމަށް އެމެރިކާއިން ތުހުމަތު ކުރެއެވެ. މިއީ ތާރީހުގައިވެސް އުތުރު ކޮރެއާއިން އެއް މަހުގެ ތެރޭގައި މިހާ ގިނަ އަދަދަކަށް މިސައިލް ލޯންޗް ކުރި ފަހަރު ކަމަށް މައުލޫމާތު ލިބެއެވެ.