އަވަށްޓެރި ސްރީލަންކާގައި އާންމު ތަންތަނަށް ވަދެ އުޅުމަށާ، އާންމު ހިދުމަތްތައް ހޯދާ، ލިބިގަތުމުގައި، ކޮވިޑް ވެކްސިން ފުރިހަމަ ކޮށްފައިވުން، އެ ގައުމުން ލާޒިމު ކޮށްފިއެވެ.

ސްރީލަންކާގެ ސިއްހަތާ ބެހޭ ވަޒީރު ކެހޭލިއާ ރަމްބުކްވެއްލާ ކުރެއްވި ގެޒެޓް އިއުލާނެއްގައި ވާ ގޮތުން ކޮވިޑް ވެކްސިންގެ ޑޯޒްތައް ފުރިހަމަ ކޮށްފައި ނުވާ މީހުންނަށް، އާންމު ތަންތަނަށް ވަދެ އުޅުން މަނަލެވެ. އަދި އާންމު ދަތުރުފަތުރުގެ ނިޒާމު ބޭނުން ކުރުންވެސް މަނަލެވެ.

މުޅި ސްރީލަންކާއަށް އާންމު އަމުރެއްގެ ގޮތުގައި ކޮށްފައި ވާ އިއުލާންގައި ބުނެފައި ވާ ގޮތުން، އެމީހަކުން ކޮވިޑުން ދިފާއުވުމަށް ޖަހާ ވެކްސިންގެ ޑޯޒްތައް ފުރިހަމަ ކޮށްފައި ވާ މީހަކު ކަން އަންގައިދޭ ލިޔެކިއުމާ ނުލާ، އާންމު އެއްވެސް ތަނަކަށް ވަދެ، މަޑުކޮށް ނުހެދެއެވެ. ކަމާ ބެހޭ ފަރާތަކުން ކަނޑައަޅާފައި ވާ މަގުބޫލު އުޒުރަކާލައިގެން ވެކްސިން ފުރިހަމަ ނުކުރާ މީހަކު މެނުވީއެވެ.

ސްރީލަންކާގައި މި އަމުރު ތަންފީޒު ކުރަން ފަށާނީ އޭޕްރިލް 30، 2022 ވަނަ ދުވަހު ކަމަށް މައުލޫމާތު ލިބެއެވެ.

ސްރީލަންކާއަކީ ކޮވިޑް ކޮންޓްރޯލް ކުރުމަށް މީގެ ކުރިންވެސް ކާމިޔާބު މަސައްކަތްތަކެއް ކޮށްފައި ވާ ގައުމެކެވެ. މި ކަމާ ގުޅިގެން އެކި ފަރާތްތަކުން ސްރީލަންކާއަށް ތައުރީފުވެސް ކޮށްފައިވެއެވެ. ކޮވިޑާ ދެކޮޅަށް ސްރީލަންކާއިން ކުރާ ކާމިޔާބު މަސައްކަތްތަކަކީ، ހަރުކަށި އުސޫލުތަކެއްގެ ތެރެއިން އެ ގައުމުން ކުރާ މަސައްކަތްތަކެކެވެ.