ރޭ ސްރީލަންކާއިން ގެއްލުނު ދިވެހި ޒުވާނާ، އަފްހާމް ނަސީރު ދެހިވެލަ ބީޗްގައި މަރުވެފައި އޮއްވާ ފެނިއްޖެއެވެ.

"ދަ ޕްރެސް" އަށް އެނގިފައި ވާ ގޮތުން އޭނާގެ ހަށިގަނޑު ފެނިފައިވަނީ ދެހިވެލަ ރެއިލްވޭ ދަނގަޑާ ދިމާ ގޮނޑުދޮށުންނެވެ. އޭނާގެ ހަށިގަނޑުގައި ޒަހަމް ހުރިކަމުގެ މައުލޫމާތު ލިބޭ އިރު، އެއީ އަފްހާމްކަން ލަންކާގެ ޕޮލިހުން ޔަގީންކޮށްފައި ވާކަމަށްވެސް މައުލޫމާތު ލިބެއެވެ.

އަފްހާމް ލަންކާގައި ހުރި ގޭގެ މީހާ މިރޭ "ދަ ޕްރެސް" އާ ވާހަކަ ދައްކަމުން ބުނީ ރޭ ގާތްގަނޑަކަށް 11 ޖަހާކަން ހާއިރު އޭނާ ދިޔައީ އަންނާނެ ކަމަށް ބުނެ ލެޕްޓޮޕް ހިފައިގެން އެހެން ގެއަކަށް ކަަމަށެވެ. އަދި އޭގެ ފަހުން މެންދަމު 1 ޖެހިއިރު ރައްޓެއްސަކަށް ގުޅައިގެން ފޯނުން ވާހަކަ ދައްކާފައިވާ ކަމަށްވެސް އޭނާ ވަނީ ބުނެފައެވެ.

"ދަ ޕްރެސް" އާ ވާހަކަ ދެއްކި މީހާ ބުނީ މިވަގުތު އޭނާ ހުރީ ރާއްޖޭގައި ކަމަށާއި ލަންކާގެ އެ ގޭގައި އޭރު އުޅެމުން ދިޔައީ އަފްހާމާއި އެހެން ފިރިހެނެއް ކަމަށެވެ.

"ގެއިން ނިކުމެގެން ދިޔައީ އެބަ އަންނަމޭ ކިޔާފަ ލެޕްޓޮޕް އެކަނި ހިފައިގެން ދިޔައީ. އޭގެ ފަހުން ނު ދޭ ގެޔަކަށް އެހެންނަމަވެސް 1 ޖަހާއިރު ރައްޓެއްސަކަށް ގުޅި"
އަފްހާމް ލަންކައިގާ ދިރިއުޅެމުންދިޔަ ގޭ މީހާ

އޭނާ އިތުރަށް ބުނީ، އަފްހާމް ފޯނުން ދެއްކި ވާހަކަތައް ތަފާތުކަމަށް އޭނާގެ ރަހުމަތްތެރިޔާގެ ފަރާތުން އެނގުމުން، އެމްބަސީއަށް އަންގާފަައި ވާ ކަމަށެވެ. އަދި އޭރުންސުރެ އެމްބަސީ އާއި ފުލުހުން އަދި ރާއްޖޭގެ ފޮރިން މިނިސްޓްރީން އަފްހާމް ހޯދުމުގެ މަސައްކަތް ކުރަމުން ދިޔަ ކަމަށެވެ.

ލަންކާގައި އަފްހާމް ދިޔައީ ބިޒްނަސް މެނޭޖްމެންޓުގެ ދާއިރާއިން މަތީ ތައުލީމު ހާސިލް ކުރުމުންނެވެ. ރޭގެ ދަންވަރުން ފެށިގެން ފޯނު އޮންނަނީ ނިއްވާލައިފައި ކަމަށާއި އޭގެ ފަހުން ސޯސަލްމީޑިއާގެ އެއްވެސް އެއްޗަކުން އޮންލައިންވެފައި ނުވާ ކަމަށް ވެސް ވާހަކަ ދެއްކި މީހާ ބުނެއެވެ.

މިއަދު ލަންކާގެ ނޫސްތަކުގައި ގޮނޑުދޮށުގައި މަރުވެފައި އޮތް ދެ މީހެއްގެ ހަށިގަނޑު ފެނިފައި ވާ ކަމަށް ރިޕޯޓު ކުރިއެވެ. ނަމަވެސް އެއިން އެކަކީ ދުވަސްވެފައިވާ މީހެކެވެ. ދެން އޮތް މީހާ ލައިގެން އޮތީ އަފްހާމް ގެއްލުނުއިރު ލައިގެން ހުރި ވައްތަރުގެ އެއްޗެއް ނޫން ކަމަށް އެމްބަސީ އާ ހަވާލާދީ އޭނާ ވަނީ ބުނެފައެވެ.

އަފްހާމް ގެއްލުނުއިރު ލައިގެން ހުރީ ކަޅު ކުލައިގެ ގަމީހެއް ކަމަށާއި ލަންކާ ގޮނޑުދޮށުން ފެނުނު މީހާ ލައިގެން އޮތީ އަލިކުލައެއްގެ އެއްޗެެއް ކަން އެނގިފައިވާ ކަމަށްވެސް އެ މީހާ ވާނީ ކިޔައިދީފައެވެ.