ރައްޔިތުން މަޖިލީހުގެ ބިލެއްދޫ ދާއިރާގެ މެންބަރު އަހްމަދު ހަލީމް (ދޮންބިލެއް) ގެ ބައްޕަ އަދި މަޝްހޫރު ވިޔަފާރިވެރިޔާ އަބްދުލްގުއްދޫސް އިބްރާހީމް އަވަހާރަވެއްޖެއެވެ.

އުމުރުން 82 އަހަރުގައި ގުއްދޫސް އަވަހާރަވީ ގިނަ ދުވަސްތަކެއް ވަންދެން އާލާސްކަންފުޅާއި އުޅުއްވުމަށް ފަހު މިއަދު މެންދުރު ފަހުގެ ވަގުތެއްގައެވެ.

ގުއްދޫސްއަކީ މެންބަރު ދޮންބިލެތް ބައްޕަގެ އިތުރުން ބްރޯޑްކާސްޓިން ކޮމިޝަންގެ ރައީސް މަރިޔަމް ވަހީދާގެ ދޮން ބައްޕައެވެ.

ގުއްދޫސްގެ މައްޗަށް މިރޭ 10:30 އިސްލާމީ މަރުކަޒުގައި ކަށުނަމާދުކުރުމަށް ނިންމާފައިވާއިރު މޫނު ދެއްކުން ކުރިޔަށް ގެންދާނީ މިއަދު އިރުއޮއްސި 6:30 އިން 8:30 ދެމެދު އާސަހަރާގައެވެ.

ދިވެހިރާއްޖޭގެ ޝިޕިން ސިނާއަތުގައި ފާހަގަކޮށްލެވޭ ވިޔަފާރިވެރިއެއްގެ އިތުރުން ގަލޮޅު އަވަށުގައި ގިނަ ދުވަސްތަކެއް ވަންދެން ގުއްދޫސް ވަނީ ހިދުމަތް ކުރައްވާފައެވެ. އަދި ގުއްދޫސް އަކީ ރާއްޖެ އާއި ސްރީ ލަންކާ އަދި އިންޑިއާއާ ދޭތެރޭ ބޯޓު ދުއްވި ވިޔަފާރިވެރިއެކެވެ.

ރާއްޖޭގެ ފުޓުބޯޅައަށްވެސް ގިނަ ހިދުމަތްތަކެއް ކޮށްދެއްވާފައިވާ ގުއްދޫސް، ވިކްޓްރީ ސްޕޯޓްސް ކްލަބަށް 1980 ގެ އަހަރުތަކުގައި ހަރަދުކުރެއްވުމުގެ އިތުރުން އޭނާ ވަނީ ވިކްޓްރީން 1985 ވަނަ އަހަރު ގައުމީ ފުޓްބޯޅަ މުބާރާތް މިލްކުކުރިއިރު ޓީމު ޝައުގުވެރިކުރުވުމަށް ގިނަ ހަރަކާތްތައް ބާއްވައިފައެވެ.