ފ. މަގޫދޫގައި ފެށި އެއާޕޯޓުގެ މަޝްރޫއު ހުއްޓާލައި، އެ އަތޮޅުގެ ނިލަންދޫގައި އެއާޕޯޓެއް އެޅުމަށް ސަރުކާރުން ނިންމުމުން، އެ ނިންމުން އަލުން މުރާޖައާކުރުމަށް ގޮވާލައި ކުއްލި މައްސަލައެއް ހުށަހަޅައިފިއެވެ.

ބިލެއްދޫ ދާއިރާގެ މެންބަރު އަހްމަދު ހަލީމް މިއަދު ހުށަހެޅުއްވި ކުއްލި މައްސަލައިގައި ވިދާޅުވީ، މިދިޔަ ސަރުކާރުން ފެށި މަގޫދޫ އެއާޕޯޓުގެ މަޝްރޫއުގެ 70 ޕަސެންޓު މަސައްކަތް ނިމިފައިވަނިކޮށް، މި ސަރުކާރުން އެ މަޝްރޫއު ހުއްޓާލާފައި ވަނީ ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަމިއްލަ އާއިލީ މަންފާ އާއި ސިޔާސީ މަންފާއަކަށް ކަމަށެވެ.

ހަލީމް ވިދާޅުވީ، މަގޫދޫގައި އެއާޕޯޓެއް ތަރައްގީކުރަން މިދިޔަ ސަރުކާރުން ފެށީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެއާޕޯޓު ގާއިމްކުރުމުގެ ސިޔާސަތުގެ ދަށުން ކްރޮސް ސަބްސިޑީގެ ގޮތުގައި 21 މިލިއަން ޑޮލަރު ލިބިގެން ކަމަށެވެ.

ނިލަންދޫގައި އެއާޕޯޓެއް އަޅަން މި ސަރުކާރުން ނިންމި ނިންމުމަކީ ރައީސްގެ އާއިލީ އަދި ސިޔާސީ ނިންމުމެއް ކަމަށް ވިދާޅުވެ، ނިލަންދޫގައި މި ސަރުކާރުން އެއާޕޯޓެއް ތަރައްގީކުރަން ނިންމީ ކުރިއަށް އޮތް މަޖިލީހުގެ އިންތިހާބުގައި ނިލަންދޫ ދާއިރާއަށް ވާދަކުރައްވާ ރައީސްގެ ކޮއްކޯފުޅު ފާތިމަތު ސައުދާ އަށް އެ ގޮނޑި ކާމިޔާބުކޮށްދިނުމަށް ނިންމި ނިންމުމެއް ކަމަށް ހަލީމް ތުހުމަތުކުރެއްވިއެވެ.

އަދި މިއީ ގާނޫނީ ހައިސިއްޔަތު ނިވާފަތްގަނޑެއްގެ ގޮތުގައި ބޭނުންކުރައްވައި ރައީސްގެ ޒާތީ މަސްލަހަތު އިސްކުރައްވައި ގާނޫނުއަސާސީން ލިބިދޭ ބާރުތައް ހުދޫދުން ބޭރުން ނިންމާފައިވާ ނިންމުމެއްކަން ފެންނަން އެބައޮތް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މި މައްސަލަ އަށް ބަހުސްކުރަން މަޖިލީހުން ފާސްކުރުމުން، މައްސަލައަށް ބަހުސްކުރައްވަމުން ހަލީމް ވިދާޅުވީ މި މައްސަލަ އޭސީސީ އަށް ވެސް ހުށަހަޅުއްވާނެ ކަމަށެވެ.

މަގޫދޫގައި މިދިޔަ ސަރުކާރުން ފެށި އެއާޕޯޓުގެ މަސައްކަތް ހުއްޓާލާފައި އޮތުމުން، އެ ރަށުގެ ރައްޔިތުން ގެންދަނީ ނުރުހުން ފާޅުކޮށް އިހްތިޖާޖުކުރަމުންނެވެ. އަދި ޖަވާބެއް ލިބެންދެން ކޮންމެ ރެއަކު އިހްތިޖާޖުކުރާނެ ކަމަށް އެ ރަށުގެ ރައްޔިތުން ބުނެފައިވެއެވެ.